27 Dec 2012, 19:29
ޖަލުތައް ބެލެހެއްޓުމަށް މޯލްޑިވްސް ކަރެކްޝަންލް ސާވިސް (އެމްސީއެސް)ގެ ނަމުގައި ތަނެއް އުފައްދައި އެތަނުގެ ދަށުންގައި ތިބޭ ގައިދީން ކިޔަމަން ކުރުމަށް ޓަކައި ޖަލު ބަލަހައްޓާ އޮފިސަރުނަށް ކަރުނަ ގޭހާއި ޕެޕަ ސުޕްރޭ އާއި ސްޓަން ގްރެނޭޑް ބޭނުން ކުރެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ބިލް މިއަދު ފާސްކޮށްފި އެވެ.
އެ ބިލް ފާސްކުރީ މިއަދުގެ ޖަލްސާ އަށް ހާޒިރުވި 68 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް ފާސްކުރުމާ ދެކޮޅު ހެއްދެވީ އެންމެ ހަތަރު މެންބަރުންނެވެ.
އެ ބިލަށް ހުށަހެޅި 10 އިސްލާހު ވެސް މަޖިލީހުގެ ތަޅުމުން ފާހެއް ނުވި އެވެ. އެ ބިލް ފާސްކޮށްފައި ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމެޓީ، ގައުމީ ސަލާމަތުގެ ކޮމެޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅި ގޮތަށެވެ.
މަޖިލީހުން ފާސް ކުރި ބިލުގައިވާ ގޮތުން ޖަލު އޮފިސަރަކު އޭނާގެ މައްސޫލިއްޔަތު އަދާ ކުރުމުގެ ގޮތުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރާ ސައްހަ އަމުރަކަށް ނުކިޔަމަންތެރިވާ ގައިދީން ކިޔަމަންތެރި ކުރުމުގެ ގޮތުން ބާރުގެ ބޭނުން ކުރެވޭނެ އެވެ. އެގޮތުން ގައިދީން ކިޔަމަންތެރި ކުރުމަށް ޓަކައި ކަރުނަ ގޭހާއި ޕެޕަ ސްޕްރޭއާއި ސްޓަން ގްރެނޭޑާއި ރަޔަޓް ކިޔަރާއި އެނޫން ވެސް ދިފާއީ އާލާތްތައް ގައިދީން ކިޔަމަންތެރި ކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް އެ ބިލުގައި ބުނެ އެވެ. ނަމަވެސް އެ ތަކެތި ބޭނުން ކުރަންޖެހޭނީ ގައިދީންގެ ފުރާނައަށް ގެއްލުންނުވާނެ ގޮތުގެ މަތިން ކަމަށް ބިލުގައިވެ އެވެ.
ބިލުގައިވާ ގޮތުން ޖަލުތައް ބެލެހެއްޓުމަށްޓަކައި އެމްސީއެސް އުފައްދައި ކޮމިޝަނަރަކާއި ޑެޕިއުޓީ ކޮމިޝަނަރަކު އެތަނަށް އައްޔަން ކުރަންޖެހެ އެވެ. އެ މަގާމަށް އެ ދެ ބޭފުޅުން އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެމްސީއެސްގެ އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑެއް އެ ސާވިސްއިން އުފައްދަން ޖެހޭނެ ކަމަށާއި އެ ގާނޫނު ފާސްވާތާ ތިން މަސް ދުވަހުގެ ތެރޭގައި އެ އޮނިގަނޑު އެކުލަވާލަންޖެހޭނެ ކަމަށް ބިލުގައިވެ އެވެ.
ކުއްލި ހާލަތުގައި އެމްސީއެސްއިން ޖަލުގެ ރައްކާތެރިކަމާއި ހިމާޔަތަށްޓަކައި ފުލުހުންނާއި ސިފައިންގެ އެހީތެކަން ހޯދަންޖެހޭނެ ކަމަށް ބަޔާންކޮށްފައިބާ ބިލުގައި ތިން ބާވަތެއްގެ ޖަލު ގާއިމް ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ތަހުގީގަށް ބަންދު ކުރެވޭ މީހުން ކަސްޓޯޑިއަލް ޖަލާއި ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފެށައި ހުކުމް ކުރުމުގެ ކުރިން ކޯޓް އަމުރެއްގެ ދަށުން ރިމާންޑް ޖަލުގައި ބަންދު ކުރުމާއި ހުކުމް ތަންފީޒު ކުރާ މީހުން އާންމު ޖަލެއްގައި ބަންދު ކުރުމެވެ. އަދި ކުޑަކުދިން ބައިތިއްބާނެ މަރުކަޒެއް ވެސް ހުންނަންވާނެ ކަމަށް އެ ބިލުގައިބުނެ އެވެ.
ބިލު ބުނާ ގޮތުން ކަސްޓޯޑިއަލް ޖަލު ހިންގައި ބަލަހައްޓާނީ ފުލުހުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށާއި މިނިވަން މުއައްސަސާތަކާށާއި ބައިނަލް އަގުވާމީ ޖަލާއަތްތަކަށް ޖަލު ބަލައި މޮނީޓާ ކުރެވޭނެ އުސޫލުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. ޖަލުގެ ގިންތިތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަލެއްގެ ގޮތުގައި މިހާރު ހުރި ޖަލުތައް ބޭނުން ކުރަން ފަށަންޖެހޭނީ ދެ އަހަރު ފަހުން ކަމަށް އެ ބިލުގައި ބުނެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީގުގެ ޖަލްސާގައި ތިން ބިލެއް މަޖިލީހުން ފާސްކޮށްފައިވާ އިރު، މިއަދު ހެނދުނު ފެށި ޖަލްސާ ނިންމާލާފައި ވަނީ ހަވީރު 5:30ގަ އެވެ. މަޖިލީހުން މިއަދު ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމުގެ ބިލާއި އިމްތިޔާޒްގެ ބިލް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ ތަސްތީގު ކުރައްވައި، ގެޒެޓް ކުރެއްވުމުންނެވެ.