އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ވިހެއުމަށް ފަހު ތުއްތު ކުއްޖަކު ވަޅުލާފައި އޮތް މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެމަފިރިން ތަހުގީގުގައި ކުށަށް އިއުތިރާފުވެފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިންސްޕެކްޓަރު އޮފް ޕޮލިސް ހަސަން ޝިފާއު މިއަދު ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހުގެ ވަގުތެއްގައި ވިހާފައި އޮތް ތުއްތު ކުއްޖަކު މަރަދޫ ފޭދޫ އަތިރިމަތީގެ ހޭޅިފަށުގައި ވަޅުލާފައި އޮތް މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެމަފިރިން ވެސް ތަހުގީގުގައި ކުށަށް އިއުތިރާފުވެފައިވާ ކަމަށާއި އެ މައްސަލައިގެ ތަފްސީލީ މައުލޫމާތު ވަރަށް އަވަހަށް މީޑިއާ އަށް ހިއްސާ ކުރައްވާނެ ކަމަށެވެ.

"ޑިސެމްބަރު 14 ވަނަ ދުވަހުގެ ވަގުތެއްގައި ވިހާފައި އޮތް ތުއްތު ކުއްޖެއް ސ. މަރަދޫ ފޭދޫ އަތިރިމަތީގެ ހޭޅިފަށުގައި ވަޅުލާފައި އޮތްކަމަށް ހުށަހެޅުނު މައްސަލައެއް. މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެމަފިރިއަކު ވަނީ ހައްޔަރުކޮށްފައި. އެ ދެ މީހުން ވަނީ ތަހުގީގުގައި އިއުތިރާފުވެފައި. ވަރަށް އަވަސް ފުރުސަތެއްގައި މި މައްސަލައިގެ ތަފްސީލްތައް މީޑިއަށް ހާމަ ކުރާނަން،" ޝިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ސ. ފޭދޫ ސިއްހީ މަރުކަޒުގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ވިހެއި މައްސަލައިގައި ތުހުމަތު ކުރެވޭ ފޭދޫ، ކޯޒީކޯނާ އާދަމް ސައީދު 45، އަދި ކުއްޖާ ދިރިއުޅޭ ގެއަށް އާއިލީ ރަހުމެތްތެރިކަމުގައި ކޮންމެ ރެއަކު ވެސް ގޮސް ހަދާ މަރަދޫ ފޭދޫ، ގުލްފާމުގޭ މުހައްމަދު ޖާވިދު 37،ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އިއްޔެ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

އެގާރަ އަހަރުގެ ކުއްޖާ ދުވަސްނުފުރާ ހަތް މަހުގައި ވިހެއި ތުއްތު ކުއްޖާގެ ޑީއެންއޭއާ އެ ދެ މީހުންގެ ތެރެއިން ޖާވިދުގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާ އާދަމް ސައީދަކީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ތަފާތު މައްސަލަތަކާއި މަކަރާ ހީލަތް ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ކުއްޖާއާ ސުވާލުކޮށް ބެލިއިރު އެކުއްޖާ އަށް ޖިންސީގޯނާ ކުރާ ވާހަކަ އެއްވެސް މީހެއްގެ ގާތު ދައްކާފައިނުވާ ކަމަށް ކުއްޖާ ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އަދި އަބަދު ވެސް މަޑުން ހުންނަ އެ ކުއްޖާގެ ހަށިގަނޑު ހުންނަ ގޮތުން ކުއްޖާ ބަނޑުބޮޑުކަން ވިހެއުމާ ހަމައަށް ވެސް އެއްވެސް މީހަކަށް އެނގިފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.