ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އުނިކަމެއް ލިބޭ ފަދަ އަމަލެއް ހިންގި މީހަކު ޖަލަށް ލެވޭ ގޮތަށް ކަނޑައަޅައި "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލް" މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިމްތިޔާޒްގެ ބިލް މަޖިލީހުން ފާސް ކުރީ އެ ބިލް ދިރާސާ ކުރުމަށް ހޮއްވެވި ވަގުތީ ކޮމެޓީން ފާސް ކުރި ގޮތަށެވެ. އެއަށް ހުށަހެޅި ދެ އިސްލާހު ވެސް މަޖިލީހުގެ ތަޅުމުން ފާސްވާ ގޮތެއް ނުވި އެވެ. ކޮމެޓީން ފޮނުވި ގޮތަށް ބިލް ފާސް ކުރުމަށް ވޯޓަށް ވޯޓް އެއްވަރުވި އެވެ. ބިލް ފާސް ކުރަން ފެންނަ ކަމަށް 31 މެންބަރަކު ވޯޓް ދެއްވި އިރު ބިލް ފާސް ކުރުމާ ދެކޮޅަށް ވެސް 31 މެންބަރުން ވޯޓް ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވާ ތިން މެންބަރަކު ތިއްބެވި އެވެ. ވޯޓް އެއްވަރުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވޯޓް ދެއްވީ އެ ބިލް ފާސް ކުރުމަށެވެ.

މަޖިލީހުން ފާސްކޮށްފައިވާ ބިލްގައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް އަޑުއެހުމަށާއި، ކޮމެޓީގެ ބައްދަލުވުންތައް އަޑުއެހުމަށް މަޖިލީހުގެ ގެއަށް ވަނުމަށް ހުއްދަދެވޭ މެހްމާނުންގެ މެދުގައި، މަޖިލީހުގެ ނިޒާމަށް އުނިކަންލިބޭ ފަދަ އަމަލު ހިންގުމާއި ހަމަނުޖެހުން ހިންގުމަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމުގައި ބުނެފައިވެ އެވެ. އަދި އެކުށުގެ އުގޫބާތަކީ 500ރ. އާއި 1000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނޫން ނަމަ ތިން މަހާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުން ކަމަށް އެ ބިލްގައި ބުނެފައިވެ އެވެ.

މުޅި މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް، ގަސްތުގައި ކަމެއް އޮޅުވާލުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެކުށުގެ އަދަބެއްގެ ގޮތުން 3000ރ. އާއި 10000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނޫން ނަމަ ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބުނެފައިވެ އެވެ.

އެ ބިލްގައިވާ ގޮތުން ޖިނާއީ ކުށެއް ކުރަނިކޮށް ފެނިއްޖެ ނަމަ މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރެވިދާނެ އެވެ. އަދި ހައްޔަރު ކުރުމަށް ފަހު ލަސްނުކޮށް އެކަން މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.

ޖިނާއީ ކުށެއް ކުރަނިކޮށް ފެނިގެން ނޫންގޮތަކަށް މެންބަރުން ހައްޔަރު ކުރާ ނަމަ އެކަން ކުރަންޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކޯޓަކަށް ހުށަހަޅައިގެން އެ ކޯޓަކުން ނެރޭ އަމުރެއްގެ ދަށުން ކަމަށް ބުނެފައިވެ އެވެ. އަދި މެންބަރަކު ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި މެންބަރުން މަޖިލީހުގެ ޖަލްސާ އަށް ހާޒިރުކޮށްދޭން ވާނެ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.

އެ ބިލްގައިވާ ގޮތުން މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމެޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް، ޝަރުއީ ކޯޓަކަށް އަދި އެނޫން ވެސް މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މަޖިލީހުގެ އިދާރާގައި މެންބަރަކު ހުއްޓައި ޝަރީއަތަށް ހާޒިރުވުމުގެ ލިޔުމެއް މެންބަރަކާއި ހަވާލުކޮށްގެން ނުވާނެ ކަމަށް ވެސް އެ ބިލްގައި ބުނެފައިވެ އެވެ.

މަޖިލީހުގެ އެއްވެސް މެންބަރަކު މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތެއް ނުވަތަ ވަޒީފާގެ ބޭނުން ކޮށްގެން ނާޖާއިޒު މަންފާއެއް ހާސިލު ކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަކީ ވެސް ކުށެއްގެ ގޮތުގައި އެ ބިލްގައި ހިމަނާފައިވެ އެވެ.