27 Dec 2012, 17:29
ދިހަ ހާސް މީހުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވޭ ގޮތަށް ސިޔާސީ ޕާޓީގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އެ ބިލުގައިވާ ގޮތުން އެބިލް ރައިސުލްޖުމްހޫރިއްޔާ ތަސްތީގުކޮށް، އަމަލު ކުރަން ފެށުމާއެކު 10000 މެންބަރުން ހަމަނުވާ ޕާޓީތައްކަމަށް މެންބަރުން ހަމަ ކުރުމަށްޓަކައި ތިން މަސް ދުވަސް ދޭންޖެހެ އެވެ. އަދި އެ ތިން މަސް ދުވަހުގެ ތެރޭގައި 10،000 މީހުން ހަމަނުކުރެވިއްޖެނަމަ ދެން އެ ސިޔާސީ ޕާޓިއެއް އުވުނީ އެވެ.
އެ ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ޖަލްސާއަށް ހާޒިރުވި 68 މެންބަރުންގެ ތެރެއިން 64 މެމްބަރުން ނެވެ. ނުފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ. އެއީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު އެވެ.
ސިޔާސީ ޕާޓީތަކުގެ ބިލަށް ވޯޓަށް އެއްސެވި ވަގުތު މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ (އެމްޑީއޭ)ގެ ލީޑަރު ތެދުވެވަޑައިގެން، އެ ބިލާ ދެކޮޅު ހެއްދެވި އެވެ. އަދި އެއީ މަޖިލީހުގައި ފާސް ކުރެވިގެންވާނެ ބިލެއް ނޫން ކަމަށް ވިދާޅުވެ އިހުތިޖާޖުކުރައްވަމުން ގެންދެވި އެވެ.
މިއަދު މަޖިލީހުން ފާސް ކުރި ބިލަށް 40 އަށް ވުރެ ގިނަ އިސްލާހު މެންބަރުން ވަނީ ހުށަހަޅުއްވާފަ އެވެ. ނަމަވެސް ތަޅުމުން ފާސްވެ، ބިލަށް އިސްލާހު ގެނެސްފައިވަނީ 15 ވަރަކަށް އިސްލާހެވެ.
މިއަދު ފާސްކުރި ބިލްގެ 11 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން ސިޔާސީ ޕާޓިއެއް ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން 10،000 މީހުންގެ ސޮޔާއި ނަމާއި އިނގިލީގެ ނިޝާނާއެކު އިލެކްޝަނަށް ހުށަހަޅަންވާނެ އެވެ. ސިޔާސީ ޕާޓީއަކަށް ވަނުމަށް ފުރާ ފޯމްގައި އިނގިލީގެ ނިޝާން ޖަހަންޖެހޭ ގޮތައް ބިލުގައި އޮތަސް، މިހާރު އިލެކްޝަނަށް ހުށަހަޅާ ފޯމްތަކުގައި އިނގިލީގެ ނިޝާން ޖެހުން ވަނީ ހުއްޓާލާފަ އެވެ.
ސިޔާސީ ޕާޓީތައް އުފެއްދުމަށް 10000 މެންބަރުންގެ ސޮއި ހުށަހަޅަންޖެހޭ ގޮތައް އޮތް، މާއްދާ އިސްލާހު ކުރުމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އިސްލާހު ހުށަހެޅުއްވި އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނަނީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ 5000 މެންބަރުން ހަމަވުމުން ކަމަށެވެ. ނަމަވެސް އެ އިސްލާހަށް ވޯޓަށް އެހުމުން ވޯޓްގައި ބައިވެރިވި 67 މެންބަރުންގެ ތެރެއިން 59 މެންބަރުން އެ އިސްލާހާ ދެކޮޅު ހެއްދެވި އެވެ. އެ އިސްލާހު ފާސް ކުރުމަށް ވޯޓް ދެއްވީ އެންމެ ހަ މެންބަރުންނެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވައި ދެ މެންބަރަކު ތިއްބެވި އެވެ.
މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ސިޔާސީ ޕާޓީތަކުގެ ބިލް މިއަދު ފާސްކުރީއިރު 16 ޕާޓީއެއް މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާއިރު އެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކުގެ ގޮތުގައި އިލެކްޝަންސްގެ ދަފުތަރުން ދައްކަނީ އެމްޑީޕީ އާއި ޕީޕީއެމް އަދި ޑީއާރުޕީ އެވެ. އެމްޑީޕީގައި 47192 މެންބަރަކު ތިބީއިރު ޕީޕީއެމްގައި 17900 މެންބަރުން އެބަތިއްބެވެ. އަދި ޑީއާރުޕީގައި ތިބީ 25190 މެންބަރުންނެވެ.