27 Dec 2012, 16:43
ވިހޭ ގޮތަށް ފޫޅުދަނޑިއާ އެކު އެއްލާލާފައި އޮއްވާ ފެނުނު ތުއްތު އަންހެން ކުއްޖާގެ މަންމައަކީ، އެކުއްޖާ އެގޭ ކުރިމަތީގައި އޮއްވާ ނެގި ކަމަށް ބުނާ އަންހެންް މީހާ ކަމަށާއި އެއަންހެން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓާ ހަސަން ޝިފާއު މިއަދު ވިދާޅުވީ އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ.ރިލީޒްގޭ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އަންނަ އަންހެނެއް ކަމަށާއި އެމީހާއަކީ އެކުއްޖާ ފުރަތަމަ ފެނުނު ކަމަށް ބުނާ މީހާ ކަމަށެވެ. އަދި އެއަންހެން މީހާއަކީ އެމައްސަލަ 119 އަށް ގުޅައި ފުލުހުންނަށް ރިޕޯޓްކުރި މީހާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އެކުއްޖާ ފެނުނު ކަމަށް ބުނާ އަންހެން މީހާއާ ފުލުހުން ސުވާލުކުރުމުން އެމީހާ ބުނީ އެކުއްޖާ ފެނުނީ ފަތިހު 4:45 އެހާކަންހާއިރު ފާހާނާއަކަށް ދާންވެގެން ތެދުވި ވަގުތު ކުއްޖަކު ރޯއަޑު އިވިގެން ބެލްކަނިން ބޭރު ބަލައިލިއިރު ކަމަށާއި އެވަގުތު ތިރިއަށް ފައިބާ ބަލައިލިއިރު ނޫކުލައިގެ ކޮތަޅެއްގެ މަތީގައި އޮތް ކުއްޖާ ބާއްވާފައި އޮތް ކަމަށް. އަދި އެވަގުތު ކުއްޖާ އޮތީ ޕުއްޕު ލައިގެން ކަމަށް ވާތީ އެކުއްޖާ ނަގައިގެން ދިޔައީ ކަމަށާއި އެކޮތަޅު ނުނަގަން ކަމަށް ވެސް ބުނި. ނަމަވެސް އޭނާ އެބުނާ ކޮތަޅެއް ފުލުހުންނަކަށް ފެނިފައެއް ނުވޭ،" ސިފާއު ވިދާޅުވި އެވެ.
އެމައްސަލާގައި އަންހެން މީހާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އެމައްސަލާގައި މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އޮފީހަށް ހާޒިރުވުމަށް އެންގުމުން އެވަގުތު ހާޒިރުވެވެން ނެތް ކަމަށް ބުނެ، އެދުވަހުގެ 9:00 ގައި ހާޒިރުވާނެ ކަމަށް އޭނާ ބުނިކަމަށް ސިފާއު ވިދާޅުވި އެވެ. ނަމަވެސް ވަގުތު ފާއިތުވީ އިރުވެސް އޭނާ ފުލުސް އޮފީހަށް ހާޒިރުނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ދެވަނަ ފަހަރަށް އެގެއަށް ގޮސް އެކުއްޖާ އޭނާގެ ބަޔާނެއް ނެގުމަށް ފުލުހުން މަސައްކަތް ކުރުމުން ވެސް އެކަމަށް އިންކާރުކޮށް، ފުލުހުންގެ އިދާރާއަށް ނުދާން މަސައްކަތް ކުރުމުން އޭނާގެ ވާހަކަތަކާ އަމަލުތައް ހުރި ގޮތުން އޭނާއާ މެދު ޝައްކުކުރެވިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެއަންހެން މީހާ ޑޮކްޓަރަކަށް ގެންގޮސް ޓެސްކުރިއިރު އޭނާ ދާދިފަހުން ވިހާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް އެނާ ބެލި ޑޮކްޓަރު ބުނެފައިވާ ކަމަށާއި އެކަމަކު އޭނާ އެކަމަށް އިންކާރުކުރުމުން ތަކުރާރުކޮށް ފުލުހުން އޭނާއާ ސުވާލުކުރުމުން އެކަމަށް އޭނާ އިއުތިރާފްވެެފައިވާ ކަމަށެވެ. އަދި އޭނާ އެކުއްޖާ ވިހެއީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 އާއި 2:30 އާ ދެމެދުގެ ވަގުތެއްގައި އެމީހާ ދިރިއުޅެމުން އަންނަ ގޭގައި އެކަނިމާ އެކަނި ކަމަށާއި ވިހޭ ދަރިފުޅުގެ މަސް އޭނާ އެގޭ ފާހާނާއަށް ލާ ޕްލަސްކޮށްފައިވާ ކަމަށް އެ އަންހެން މީހާ ބުނެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
"އޭނާ ބެލި ޑޮކްޓަރުން ދާތި ފަހުން ވިހާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް، ނަމަވެސް އަންހެން މީހާ ވަނީ އެކަމަށް އިންކާރުކޮށްފައި. ފުލުހުން ތަކުރާރުކޮށް ސުވާލުކުރުމުން އޭނާ ވަނީ އެކަމަށް އިއުތިރާފްވެ، އެކުއްޖާ ވިހެއި އެއްވެސް މީހެއްގެ އެހީތެރިކަމަކާ ނުލައި އެކަނި އޮވެ ކަމަށާއި އެ ކުއްޖާ ކޮތަޅެއްގައި ބާއްވާފައިނުވާނެ ކަމަށާއި އެެހެން ބުނީ މައުލޫމާތު އޮޅުވާލުމަށް ކަމަށް ބުނެފައިވޭ. އަދި ފުލުހުންނަށް އެމައްސަލަ ރިޕޯޓްކުރި އިރު ވިހެއި ކަމުގެ އެއްވެސް ނިޝާނެއް ނުފެންނާނެ ގޮތަށް ގޭތެރެ ސާފުކޮށް، އެކުއްޖާގެ މަސް ފާހާނާއަށް ލާ ފްލަސްކޮށްފައިވާ ކަމަށް ވެސް ބުނެފައިވޭ،" ޝިފާއު ވިދާޅުވި އެވެ.
މިމައްސަލާގައި ފުލުހުން ވަނީ އެއަންހެން މީހާ ދިރިއުޅޭ ގެއަށް ހާޒިރުވެ އެކަމާ ބެހޭ ހެކިތައް ހޯދައިފައި ކަމަށްވެސް ޝިފާއު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލާގައި ހޯދުނު ކުއްޖާ މިހާރު ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ސްޓޭޓް ކެއާގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ އަންހެން މީހާއާ ބެހޭ މައުލޫމާތު ތަހުގީގު ކުރިއަށްދާތީ އަދި ދެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.