27 Dec 2012, 16:27
ސިންގަޕޫރު/ނިއުދިއްލީ (27 ޑިސެމްބަރު) – މިމަހު 16 ވަނަ ދުވަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ މަގުމަތީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި ހަ މީހުންގެ ގޭންގަކުން ރޭޕްކުރި މެޑިކަލް ސްޓޫޑެންޓަށް އިތުރު ފަރުވާ ދިނުމަށް ޓަކައި ބުރާސްފަތި ދުވަހު ސިންގަޕޫރަށް ގެންގޮސްފި އެވެ.
ސިންގަޕޫރުގައި ހުންނަ އިންޑިޔަން ހައިކޮމިޝަނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަންހެން ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް ޓަކައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ސިންގަޕޫރަށް ގެންގޮސްފައެ އެވެ.
"އަންހެން ކުއްޖާގެ ބެލެނިވެރިންނާ އެކު އޭނާ އަށް ފަރުވާދެމުން ދިޔަ ދިއްލީގެ ސަފްދަރުޖުން ހޮސްޕިޓަލުގެ ކްރިޓިކަލް ކެއާ ޔުނިޓުގެ ވެރިޔާ ޑޮކްޓަރު ޔާތިން ގުޕްތާ އިސްކޮށް ހުނަވައިގެން ޑޮކްޓަރުންގެ ޓީމަކާ އެކު އޭނާ ވަނީ ސިންގަޕޫރަށް ފޮނުވާފައި" ޗައިނާގެ ޒިންހުއާ ނިއުސްގައިވެ އެވެ.
އަދި ސިންގަޕޫރުގެ މައުންޓު އެލިޒަބަތު ހޮސްޕިޓަލުގެ ތަރުޖަމާނަކާ ހަވާލާދީ ބުނެފައި ވަނީ "އިންޓެންސިވް ކެއާ ޔުނިޓުގައި ފަރުވާދެމުން އަންނަ އަންހެން ކުއްޖާގެ ހާލު ވަރަށް ކްރިޓިކަލް. އެނާ ހޮސްޕިޓަލަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 9:03 ކަންހާއިރު،" ކަމަށެވެ.
ހަ މީހުންގެ ގުރޫޕުގެ ޖިންސީ ޝިކާރައަކަށްވި އަންހެން ކުއްޖާ އަށް އެމީހުން ދީފައިވާ އަނިޔާތަކުގެ ސަބަބުން އޭނާގެ ބަނޑަށާއި ގޮހޮރަށް ލިބިފައިވާ އެތައް ބައިބަރު އަނިޔާތަކެއްގެ ސަބަބުން އޭނާގެ ފުރާނަ އަށް ވަނީ ނުރައްކާވެފަ އެވެ.
އިންޑިޔާގެ ހެލްތު އެންޑް ވެލްފެއާގެ ޔޫނިއަން ނިސްޓަރު ގުލާމް ނަބީ އާޒާދު ވިދާޅުވީ އަންހެން ކުއްޖާ ސިންގަޕޫރަށް ގެންގޮސްފައި ވަނީ ރޭ ފަތިހު 5:30 އެހާކަންހާ އިރު ކަމަށާއި އަދި މިހާރު އަންނަނީ އޭނާ އަށް ފުރިހަމަ އަށް ފަރުވާ ދެވެމުން، ކަމަށެވެ.
ނިމިގެން މިދާ ހަފުތާގައި އިންޑިޔާގެ އެކީ ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު ވަނީ އަންހެނުންނަށް ދޭ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލައި އެފަދަ ކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތައް ލުއި ކަމަށާއި މައްސަލަތައް ތަހުގީގު ކުރާ، ކަމާގުޅޭ ދާއިރާތަކުގައި ތިބޭ މީހުންގެ ސަބަބުން ގިނަ ފަހަރު އަނިޔާ ލިބޭ މީހާއަށް ހައްގު ނުލިބޭ ކަމަށް ބުނެ މުޒާހަރާކޮށްފަ އެވެ.
މުޒާހަރާ ކުރާ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އިންޑިޔާގެ ކޮލެޖްތަކުގައި ކިޔަވާ ކުދިންނެވެ.