27 Sep 2010, 16:41
ޕޮލިސް ޓޯޔާޑަށް ގެންދާ އުޅަނދުތައް އަންނަ މަހުން ފެށިގެން ދޫކުރާނީ ގަވައިދާ ހިލާފަށް ރަޖިސްޓްރީ ބޯޑް ހުންނަ އުޅަނދުތަކުގެ ބޯޑު ބަދަލުކޮށް ގަވައިދަށް ފެއްތުމުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި އުސޫލު ހަމަޖެއްސުމުން ގަވައިދާ ހިލާފަށް ޕާކްކޮށްގެން ޓޯކުރާ އުޅަނދުތަކާއި އެހެން މައްސަލަތަކުގައި ޓޯކުރާ އުޅަނދުތައް ވެސް ދޫކުރާނީ ރަޖިސްޓްރީ ބޯޑު ގަވައިދާ ހިލާފަށް ހުރިނަމަ އެކަން ރަނގަޅު ކުރުމުން ކަމަށެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ތިން ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދު" ބުނާ ގޮތުން އުޅަނދު ތަކުގެ ރަޖިސްޓްރީ ބޯޑު ހުންނަނަ ޖެހެނީ އެ ގަވައިދުގައި ބަޔާންކުރާ ވަކި ގޮތަކަށެވެ.
ފުލުހުން ބުނީ ޓޯޔާޑްގެ ހިދުމަތް ފަސޭހަ ކޮށްދިނުމުގެ ގޮތުން ޓޯޔާޑުން ފައިސާ ބަލައިގަތުމުގެ ވަގުތު ވެސް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
މީގެކުރިން ފައިސާ ބަލައިގަންނަނީ ރޭގަނޑު 10:00 އާއި ހަމަޔަށެވެ. ނަމަވެސް މިހާރު ރޭގަނޑު 11:00 އާއި ހަމަޔަށް ފައިސާ ބަލައިގަނެ އެވެ. މި ބަދަލާއެކު ޓޯޔާޑުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ރަސްމީ ދުވަސްތަކުގެ އިތުރުން ހުކުރު ދުވަހުގެ މެންދުރު ފަހު 3:00 ން ރޭގަނޑު 11:00 އަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 ން ރޭގަނޑު 11:00 އަށެވެ.