27 Dec 2012, 16:20
ދިއްލީ، އިންޑިޔާ (27 ޑިސެމްބަރު) - ނިމިގެން މިދާ ހަފުތާގައި އިންޑިޔާގައި 23 އަހަރުގެ އަންހެނަކު ހަ މީހަކު ވެގެން ރޭޕްކުރި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅުގައި އަނެއްކާ ވެސް އެ ގައުމުގައި ގޭންގު ރޭޕެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.
ދިއްލީ ފުލުހުން ބުނި ގޮތުގައި 42 އަހަރުގެ މި އަންހެން މީހާ އަށް ތިން މީހުންގެ ގުރޫޕަކުން މަސްތުވާ އެއްޗެއް ދިނުމަށް ފަހު ޖިންސީ އަނިޔާ އަށް އޭނާ ވަނީ އުއްތަރު ޕްރަދޭޝްގެ އިރު ދެކުނު ހިސާބުގަނޑަކަށް އެއްލާލައިފަ އެވެ.
ފުލުހުންގެ ސީނިޔާ އޮފިސަރަކާ ހަވާލާދީ ޒީނިއުސްގައި ބުނެފައިވަނީ "އެ އަންހެން މީހާ ބުނި ގޮތުގައި ތިން މީހުންގެ ގްރޫޕަކުން އޭނާގެ އަނގަމަތީގައި އެއްޗެއް އަޅައި ހަޅޭއް ނުލެވޭ ގޮތަށް ހަދައި، އޭނާ އަށް މަސްތުވާ އެއްޗެއް ދިނުމަށް ފަހު ގަދަކަމުން އޭނާ އަށް ޖިންސީ އަނިޔާ ދީފައި"ވާ ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި ތިން މީހުންގެ ޖިންސީ ޝިކާރައަކަށްވި އެ އަންހެން މީހާ އާއި އެ މީހުން ބެހިފައި ވަނީ އަންހެން މީހާ މި މަހުގެ 22 ވަނަ ދުވަހު ވުރިންދަވަން އަށް ގޮސް އަންހެން މީހާ ކޮންމެ ވެސް ވަރަކަށް ދަންނަ ވަރުމާ ކިޔާ ފިރިހެނަކާ އެކީ ކާރުގައި އެނބުރި އައި މަގުމަތީގައި ވަރުމާގެ ދެ ރަހްމަތްތެރިޔަކު ކާރަށް އަރައި ގުރޫޕް ހަދައިގެންނެވެ.
އަދި އެ އަންހެން މީހާ ފެނިފައި ވަނީ މަގުމަތިން ހިނގާފައި އެވަގުތު ދިޔަ މީހަކަށް އޭނާ އެހީއަކަށް އެދި ގޮވާއަޑު އިވިގެން ޕޮލިހަށް ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
ފުލުހުންގެ ތަރުޖަމާނު ރާޖަން ބާގަތުއާ ހަވާލާދީ ބުނެފައި ވަނީ ވަރުމާ މިހާރު ވަނީ އާގަރާގައި ހުއްޓާ ހޯދައިގެން ގެނެސް ތަހުގީހު ފަށާފައި ކަމަށާއި ފުލުހުންގެ ތިން ޓީމެއް ގުޅިގެން އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
އިންޑިޔާގައި އަންހެނުންނަށްދޭ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލައި އެފަދަ ކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތައް ލުއި ކަމަށާއި މައްސަލަތައް ތަހުގީގު ކުރުމާ ގުޅޭ ދާއިރާތަކުގައި ތިބޭ މީހުންގެ ސަބަބުން ގިނަ ފަހަރު އަނިޔާ ލިބޭ މީހާ އަށް ހައްގު ނުލިބޭ ކަމަށް ބުނެ އެތައް ހާސްބަޔަކު މުޒާހަރާ ކުރަންމުންދާ އިރު، މިފަހަރު އަނިޔާ ލިބުނު މީހާ އޭނާ ރޭޕް ކުރިމައްސަލަ އާގަރާ ޕޮލިހުގައި ރެޖިސްޓްރީކުރަން އެދުމުން ރަނގަޅު ހެއްކެއް ދެއްކިފައި ނުވާ ކަމަށް ބުނެ އެތަނުން ވަނީ އެ މައްސަލަ ބަލައި ނުގެންފައި ކަމަށް ދިއްލީ ފުލުހުންގެ ސީނިއާ އޮފިސަރަކާ ހަވާލާދީ ޒީނިއުސްގައިވެ އެވެ.
ތިން މީހުން ވެގެން 42 އަހަރުގެ މިއަންހެން މީހާ ރޭޕްކޮށްފައި ވަނީ 23 އަހަރުގެ މެޑިކަލް ސްޓޫޑެންޓަކު ހަމީހުން ވެގެން ރޭޕްކުރި ހާދިސާއާ ގުޅިގެން އެކަމުގެ ރުޅީގައި މުޅި އިންޑިޔާ ކެކި އަރަމުންދާ ދަނޑިވަޅެއްގަ އެވެ. މަރާ ހަނގުރާމަ ކުރަމުންދާ 23 އަހަރުގެ އަންހެން ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ސިންގަޕޫރުގެ ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ.