27 Dec 2012, 16:04
އަސާސީ މުދަލުން އިމްޕޯޓް ޑިއުޓީ ބޮޑުނުކުރަން ފާސްކޮށް މަސްވެރިންނާއި ދަނޑުވެރިންނަށް ސަބްސިޑީ ދިނުމަށް ބަޖެޓްގައި ހިމަނައި މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅުއްވިއިރު ސަރުކާރުން ހުށަހަޅާފައިވަނީ ގިނަ ތަކެތިން އިމްޕޯޓް ޑިއުޓީ އަލުން އިއާދަކޮށް އަންނަ އަހަރަށް 1.8 ބިލިއަން ރުފިޔާ އިތުރު އާމްދަނީގެ ގޮތުގައި ހޯދުމަށެވެ. ނަމަވެސް މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި، އިމްޕޯޓް ޑިއުޓީ ސުންޕަސެންޓްގައި ހުރި ޕެޓްރޯލާއި ޑީސަލްގެ ޑީއުޓީ ބޮޑުނުކުރުމަށް ހުށަހެޅި އިސްލާހު ވަނީ 48 މެންބަރުންގެ ވޯޓުން ފާސްކޮށްފަ އެވެ. އަދި އިމްޕޯޓް ޑިއުޓީއާ ގުޅޭ ގޮތުން ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި، އަސާސީ މުދަލުގެ ތެރޭގައި ހިމެނޭ އާންމު ކާބޯތަކެއްޗާއި ރީތިވާ ސާމާނުން ޑިއުޓީ ބޮޑުނުކުރުމުގެ އިސްލާހުވެސް 47 މެންބަރުންގެ ވޯޓު ދެއްވައިގެން ފާސްކުރި އެވެ.
ސަބްސިޑީތަކާ ގުޅޭ ގޮތުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި ދެ އިސްލާހެއްވެސް މިއަދު ވަނީ ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފަ އެވެ. އެންމެ ފުރަތަމަ ފާސްކުރީ މަސްވެރިންނަށް 100 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ކަނޑައެޅުމަށެވެ. އެ އިސްލާހަށް 67 މެންބަރަކު ތާއީދު ކުރެއްވި އެވެ. ކޮންޓެންޖެންސޫ ބަޖެޓުން އުނިކޮށް 50 މިލިއަން ރުފިޔާ މަސްވެރިން ސަބްސިޑީއަށް ކަނޑައެޅުމަށް ހުށަހެޅި އިސްލާހު ފާސްވީ 68 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މިއަދު މަޖިލީހުން 15.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް ސަރުކާރުން ހުށަހެޅީ 16.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރުމަށެވެ. ނަމަވެސް ރިކަރަންޓް ހަރަދުން ގިނަ ހަރަދުތަކެއް އުނިކުރުމަށް ފަހު މެންބަރުން ނިންމެވީ ސަރުކާރުގެވެސް ތާއީދާ އެކު އެ އަދަދަށް ބަޖެޓް ފައްތާށެވެ.
އަދިވެސް ބަޖެޓަށް ގެންނަން ފާސްކުރި އެހެން އިސްލާހުތަކުގެ ތެރޭގައި ޖަމްއިއްޔާ ޖަމާއަތްތަކަށް މާލިއްޔަތު ކޮމެޓީން ކަނޑައަޅާ އުސޫލަކުން 10 މިލިއަން ރުފިޔާ ކަނޑައެޅުމަށާއި މިނިވަން މުއައްސަސާތަކުގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށާއި ރިސޯޓް ހަދަން ދޫކުރާ 14 ރަށް ދޫކުރަން ވާނީ މަޖިލީހުން ހުއްދަ ނަގައިގެން ކަމަށް ފާސްކުރި އެވެ.
ކޮމެޓީން ގެނެސްފައިވާ އެކި ބަދަލުތަކުގެ ތެރޭގައި ބެޑް ޓެކްސް އަންނަ އަހަރުން ފެށިގެން އުވާލައި ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކުރަން ވަނީ ބަޖެޓްކޮށްފަ އެވެ. އަދި މުވާސަލާތީ ހިދުމަތުން ޖީއެސްޓީ ނެގުމަށްވެސް ވަނީ ހިމަނައިފަ އެވެ.
ބަޖެޓް މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި ނުފެންނަ ކަމަށް 28 މެންބަރަކު ވޯޓުދެއްވި އެވެ. އެމްޑީޕީގެ ގިނަ މެންބަރުން ބަޖެޓަށް ވޯޓެއް ނުދެއްވަ އެވެ.