27 Dec 2012, 14:37
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ފުލުހުން ހައްޔަރުކޮށްފައިވާ ގއ. ދާންދޫ ކައުންސިލްގެ ރައީސް އިމްރާން ވަހީދު މަގާމުން ދުރުކޮށްފި އެވެ.
ދާންދޫ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޑީއާރްޕީގެ ހަމައެކަނި މެންބަރު މުހައްމަދު އާސިފް މިއަދު ވިދާޅުވީ ކައުންސިލްގެ ރައީސްގެ މަގާމުން އިމްރާން ވަކިކުރެއްވުމަށް ހުށަހެޅީ އޭނާ ކަމަށެވެ. އަދި އޭނާގެ ހުށަހެޅުމަށް ތާއީދުކޮށް ވޯޓު ދެއްވީ ކައުންސިލްގެ އެމްޑީޕީ ދެމެންބަރުން ކަމަށްވާ ޝުއައިބް އަބްދުﷲ އާއި ކައުންސިލްގެ ނާއިބް ރައީސް ފަޒުނާ އާދަމް ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ އިމްރާން މަގާމުން ވަކިކުރުމަށް އޭނާ ހުށަހެޅީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ފުލުހުން އޭނާ ހައްޔަރުކޮށްފައިވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ އެ އަތޮޅު ވިލިނގިލީގައި ކައުންސިލަރުންނަށް އަމާޒުކޮށްގެން ބޭއްވި ވޯކްޝޮޕަކަށް ފަހު އެނބުރި ރަށަށް ދިޔުމަށް ދޯންޏަށް އަރައި ތިއްބާ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓްތަކާ އެކު އޭނާ ހައްޔަރު ކުރި އިރު އެ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްގެ ރައީސުން ވެސް އެ މަންޒަރު ބަލަން ތިއްބެވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކައުންސިލްގެ ގަދަރާއި އިއްޒަތަށް އުނިކަމެއް އައިސް އެ ރަށަށް ލިބިގެން ދިޔަ ހަޑިހުތުރު ނަމަކީ އަލުން އަނބުރާ އިއާދަ ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަގާމުން މިއަދު ދުރުކޮށްފައިވާ ކައުންސިލްގެ ރައީސް އިމްރާން ވިދާޅުވީ އޭނާ މަގާމުން ވަކިކޮށްފައި ވަނީ ކައުންސިލްގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަސާސީ ގަވާއިދުގައި ވާގޮތުން ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭނީ އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަ ޝަރީއަތަށް ސާބިތު ކުރެވޭ ވަރުގެ ހެކިހުރެގެން ކަމަށާއި އެފަދަ އެއްވެސް ހެއްކެއް ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.