27 Dec 2012, 14:34
ސަރުކާރުގެ މާލިއްޔަތުން 102 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ޅ. ނައިފަރާއި ގއ. ގެމަނަފުށީ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު މިއަދު ސޮއިކޮށްފި އެވެ.
އެމްޓީސީސީ އާއި އެކު ސަރުކާރުން މިއަދު އެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަދަން ނިންމާފައިވާ ބަނދަރުތަކަކީ 58 މިލިއަން ރުފިޔާ ހޭދަ ކޮށްގެން ޅ. ނައިފަރުގައި ހަދާ، 800 ފޫޓު ދިގު 300 ފޫޓު ފުޅާ ބަނދަރަކާއި 44 މިލިއަން ރުފިޔާ ހޭދަ ކޮށްގެން ގއ. ގެމަނަފުށީގައި ހަދާ 1000 ފޫޓު ދިގު 300 ފޫޓު ފުޅާ ބަނދަރެކެވެ.
ހައުސިންގް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް މުހައްމަދު ސައީދު އެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ނައިފަރުގައި އަލަށް ހަދާ ބަނދަރުގެ އިތުރުން މިހާރު ހަލާކުވެފައިވާ އެ ރަށު ބަނދަރުގެ ކީވޯލް ހެދުމުގެ މަސައްކަތް ވެސް އެގްރިމެންޓްގައި ހިމަނާފައިވާނެ ކަމަށެވެ. ނައިފަރުގެ ބަނދަރު މަސައްކަތް މިއަހަރު ފަށަން ނިންމީ މި އަހަރުގެ ބަޖެޓްގައި ވެސް އެ ރަށު ބަނދަރު ހެދުމުގެ މަސައްކަތަކުގެ އެޑްވާންސް ޕޭމެންޓް ދެއްކޭ އަދަދަށް ފައިސާ ހިމަނާފައިވާތީ ކަމަށެވެ. މުއިއްޒު ވިދާޅުވީ ކޮންޓްރެކްޓްގައި ސޮއި ކުރިނަމަވެސް އެންވަޔަރަންމެންޓް އިންޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ ބައެއް މަސައްކަތްތައް މުޅިން ނުނިމޭތީ ބަނދަރުގެ އަމަލީ މަސައްކަތް ފަށޭނީ އަންނަ އަހަރު ކަމަށެވެ.
"މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް ފަސްސަތޭކަ ދުވަސް ހޭދަ ވާނެ ކަމަށް މިބަލަނީ. އެއަށްވުރެ ވެސް އަވަސްވޭތޯ ބަލާނަން. މިއަދު ސޮއިކުރި ނަމަވެސް އީއައިއޭގެ ބައެއް މަސައްކަތް އަދި ނުނިމެ. އެހެންވީމާ ސޮއިކުރި ނަމަވެސް އަމަލީ މަސައްކަތް ފެއްޓޭނެ ކަމަށް އަޅުގަނޑުމެން މި އަންދާޒާ ކުރަނީ އަންނަ އަހަރު ޖެނުއަރީ މަހުގެ ފަހުކޮޅު." މުއިއްޒު ވިދާޅުވި އެވެ.
ގއ. ގެމަނަފުށީ ބަނދަރުގެ ހާލަތަށް ބައްލަވައި ލައްވަމުން މިނިސްޓަރު ވިދާޅުވީ އެ ރަށުގެ ބަނދަރުގެ އެއްގަމު ތޮށި ވެސް އޮތީ މުޅިން ވެއްޓި ހަލާކުވެފައި ކަމަށެވެ. ގެމަނަފުށީ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ފަށާނެ ކަމަށާއި އަދި 345 ދުވަސް ތެރޭ އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގެމަނަފުށީގައި ހަދާ ބަނދަރަކީ 2013 ވަނަ އަހަރު ތެރޭގައި ދައުލަތުގެ މާލިއްޔާއިން ޚަރަދުކޮށް ރާއްޖޭގައި ހަދަން ހަމަޖެހިފައިވާ އެންމެ ބޮޑު ބަނދަރެވެ.