އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 15.3 ބިލިއަނަށް ތިރިކޮށް ގިނަ ރެކޮމެންޑޭޝަންތަކަކާ އެކު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިއަދު ފާސްކޮށްފި އެވެ.

ބަޖެޓް ފާސްކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި ނުފެންނަ ކަމަށް 28 މެންބަރަކު ވޯޓުދެއްވި އެވެ. އެމްޑީޕީގެ ގިނަ މެންބަރުން ބަޖެޓަށް ވޯޓެއް ނުދެއްވަ އެވެ.

ބަޖެޓަށް ވޯޓު އެހުމުގެ ކުރިން މެންބަރުން ބަޖެޓަށް ގެންނަން ހުށަހެޅުއްވި 16 އިސްލާހަކަށް މިއަދު ވަނީ ވޯޓަށް އަހާފަ އެވެ. އޭގެ ތެރެއިން ފާސްވީ އަށް އިސްލާހެކެވެ. ބަޖެޓަށް ގެންނަން މެންބަރުން ތާއީދު ކުރެއްވި އިސްލާހުތަކަކީ މަސްވެރިންނަށް ދިނުމަށް 100 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ކަނޑައެޅުމާއި ދަނޑުވެރިންނަށް ދޭ ސަބްސިޑީއަށް 50 މިލިއަން ރުފިޔާ ކަނޑައެޅުމަށެވެ. އަދި ކުރީގެ ރަށްކުރިއަރުވާ ކޮމެޓީތަކާއި އަންހެން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އެކައުންޓްތަކުގައި ހުރި ފައިސާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ކަނޑައެޅޭ ތާވަލެއްގެ މަތިން ޖަމާކޮށް ދިނުމަށްވެސް ވަނީ ފާސްކޮށްފަ އެވެ. އަދި އިމްޕޯޓް ޑިއުޓީ ރިވައިޒް ކުރާއިރު ސުންޕަސެންޓް ޑިއުޓީ ކަނޑައަޅާފައިވާ ޑީސަލާއި ޕެޓްރޯލުން ޑިއުޓީ ބޮޑުނުކުރުމަށާއި އަދި އަސާސީ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އާންމު ކާނާގެ ބާވަތްތަކުންނާއި ރީތިވާ ތަކެތިން ޑިއުޓީ ބޮޑުނުކުރަންވެސް ފާސްކުރި އެވެ.

ރިސޯޓް ތަރައްގީ ކުރަން ދޫކުރަން ނިންމާފައިވާ 14 ރަށް ދޫކުރަންވާނީ މަޖިލީހަށް ހުށަހަޅާ ހުއްދަ ލިބިގެން ކަމަށްވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ކަނޑައަޅާ އުސޫލެއްގެ ދަށުން ރަޖިސްޓްރީކޮށް ގަވާއިދާއި އެއްގޮތަށް ހިންގާ ޖަމްއިއްޔާ ޖަމާއަތްތަކަށް 10 މިލިއަން ރުފިޔާ ކަނޑައެޅުމަށްވެސް ފާސްކުރި އެވެ.

ރައްޔިތުން މަޖިލީހަށް ސަރުކާރުން ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 15.3 ބިލިއަން ރުފިޔާއަށް ކުޑަކުރަން ކޮމެޓީން ފާސްކޮށްފައިވާ ގޮތަށް މަޖިލީހުގެ ތަޅުމުންވެސް ފާސްކޮށްފައިވާއިރު ރިކަރަންޓް ގިނަ ހަރަދުތަކެއް ބަޖެޓުން ވަނީ ކުޑަކޮށްފަ އެވެ. އުނިކުރި ބައިތަކުގެ ތެރޭގައި ހިމެނެނީ ދަތުރުފަތު ކުރުމުގެ ހަރަދާއި ހަރުމުދާ ހޯދުމުގެ ހަރަދާއި އިތުރުގަޑީގެ މަސައްކަތަށް ހިނގާ ހަރަދެވެ. އަދި ހިދުމަތް ދިނުމަށް ހިނގާ ހަރަދުވެސް ވަނީ ބޮޑުބައެއް އުނިކޮށްފަ އެވެ.

އަދި އާމްދަނީ އިތުރުކުރަން ހުށަހެޅި ކަންތައްތަކުގެ ތެރެއިން ބެޑް ޓެކްސް އުވާލައި ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކުރަން ވަނީ ބަޖެޓްގައި ފާސްކޮށްފަ އެވެ. އަދި މުވާސަލާތީ ހިދުމަތުން ޖީއެސްޓީ ނެގުމާއި އިމްޕޯޓް ޑިއުޓީ ރިވައިޒްކުރުމަށްވެސް ވަނީ ބަޖެޓްގައި ހިމަނައިފަ އެވެ.