27 Dec 2012, 14:19
މިހާރު ކުރިއަށްދާ 32 ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން އެއް ވަނަ ޑިވިޒަންގައި ރޭ ކުޅުނު މެޗުން މޮޅުވެ، ފައިނަލުގެ ފަހު ޖާގަ ރެޑްލައިން ކުލަބުން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު މެޗް ރެޑްލައިން ކުލަބުން ކާމިޔާބު ކުރީ ހަރިކޭން ބީސީއާ ވަދަކޮށް، 63 ޕޮއިންޓް 73 ޕޮއިންޓުންނެވެ.
ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރެޑްލައިން ކުލަބުގެ މުހައްމދު ޒިލާލެވެ. އެގޮތުން ޒިލާލް ވަނީ ރޭގެ މެޗުގައި ބަޔަށް 21 ޕޮއިންޓު ކާމިޔާބު ކޮށްދީފަ އެވެ. އަދި މެޗުން ބަލިވި ހަރިކޭނަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 19 ޕޮއިންޓާ އެކު އޮބީ ސަންޑޭ އެވެ.
މިމުބާރާތުގެ ފައިނަލް މެޗުގައި މާދަމާ ރޭ ރެޑްލައިންނާ ދެކޮޅަށް ނިކުންނާނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރި ޓީރެކްސް ބީސީ އެވެ. އެ ޓީމު ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ސެމީގައި ރެޑްލައިން އަތުން މޮޅުވެގެންނެވެ.
މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންކަން ޓީރެސްއިން ހޯދާފައިވާ އިރު، ދެ ވަނަ ހޯދާފައި ވަނީ ރެޑްލައިން ކުލަބެވެ.