27 Dec 2012, 14:16
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ކޮއްކޯފުޅު އަބުދުﷲ ޔާމީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ 800 މިލިޔަން ޑޮލަރުގެ ތެލުގެ "ވަގު" ވިޔަފާރީ ހިންގާފައިވާ ކަމަށް ބުނާ، ސިންގަޕޫރާއި ބަރުމާ އާއި މެލޭޝިޔާ އަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީގެ މެންބަރުން ދަތުރު ކުރުމަށް ނިންމައިފި އެވެ.
ގައުމީ ސަލާމަތު ކޮމެޓީގެ ހިމެނިވަޑައިގަންނަވާ 11 މެންބަރުންގެ އެ ގައުމުތަކަށް ދަތުރުފުޅުފައްޓަ ވާނީ މަޖިލިސް ޗުއްޓީއަށްދިޔުމަށް ފަހު އެވެ. ނަމަވެސް އެ ދަތުރުގައި އެ ކޮމެޓީގެ ބައެއް މެންބަރުން އެދަތުރުގައި ބައިވެރިނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގައުމީ ސަލާމަތު ކޮމެޓީގެ މެންބަރަކު ވިދާޅުވި އެވެ.
ނަމަވެސް އެ ދަތުރު ފަށާނެ ވަކި ތާރީހެއް ކޮމެޓީން މިއަދު ކަނޑައަޅުއްވާފައި ނުވެ އެވެ.
މިއަދު ބޭއްވި ގައުމީ ސަލާމަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގު ވިދާޅުވީ މަޖިލީހުގެ މެންބަރުން އެފަދަ ތަހުގީގަކަށް ރާއްޖެ އިން ބޭރަށް ދާއިރު، އެ ބޭފުޅުންނާ އެކު އެފަދަ ތަހުގީގަކަށް އެންމެ އެކަށޭނަ ބޭފުޅަކު ހޯއްދެވުމަކީ މުހިއްމު ކަމެއް ކަމަށެވެ. ކޮމެޓީގެ މުގައްރިރަކަށް އިންނެވި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ އެކަމަށް ކޮމެޓީން ރިޔާއަތް ކުރައްވާނެ ކަމަށެވެ.
ސިންގަޕޫރާއި މެލޭޝިޔާއާއި ބަރުމާއަށް އަށް ކޮމެޓީގެ މެންބަރުން ދަތުރުފުޅު ކުރެއްވުމަށް ނިންމާފައިވާ އިރު، 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލާގައި އިންޑިއާގެ ދަ ވީކުގައި ޝާއިރު ކުރި ރިޕޯޓްގައި ބުނަނީ ތެލުގެ "ވަގު" ވިޔަފާރި ހިންގާފައި ވަނީ އެސްޓިއޯގެ ސިންގަޕޫރު މޯކަމް ކުންފުނިން ކަމަށެވެ. އަދި މެލޭޝިއާގެ މޯކަމް ކުންފުންޏަކާ ގުޅިގެން ރާއްޖެ އަށް އަގުހެޔޮކޮށް ވިއްކާ ތެޔޮ، އެ ކުންފުނި މެދުވެރިކޮށް "ވަގަށް" ބަރުމާއަށް ވިއްކާފައިވާ ކަމަށެވެ.