އިނގިރޭސި ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކުގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ އެ ދެ ޓީމާ ވާދަކުރި ޓީމުތައް އަތުން މޮޅުވިއިރު މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ވަނީ އެދެތީމާއި ވާދަކުރި ޓީމުތައް އަތުން ބަލިވެފަ އެވެ.

ހަތަރެއް ތިނަކުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި އެޓީމުގެ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ ހަތަރު ވަނަ މިނުޓުގައި ނިއުކާސަލްގެ ޖޭމްސްޕާޗް ޔުނައިޓެޑް ކޮޅަށް ވައްދާލި ފުރިހަމަ ލަނޑާ އެކު އެ ޓީމު ވަނީ ފާގަސަންގެ ޓީމު ސިއްސުވާލާފަ އެވެ.

ޔުނައިޓެޑްގެ ޖޯން އިވާންސް 25 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ އެކެއް އެކަކުން ހަމަހަމަ ކޮށްދިން ނަމަވެސް 28 ވަނަ މިނިޓުގައި އިވާންސްގެ އަތުން ބައިކޮޅަށް ވައިން ގޯލާއެކު މެޗުގެ ނަތީޖާ ނިއުކާސަލް ކޮޅަށް އެނބުރުނެވެ.

މެޗުގެ 57 ވަނަ މިނިޓުގައި ޕެޓްރިސް އެވްރާ ނިއުކާސލް ކޮޅަށް ލަނޑެއްޖަހައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް ތިން ވަނަ ފަހަރަށް ނިއުކާސަލް އަށް ލީޑު ނަގައިދިނީ 68 ވަނަ މިނިޓުގައި ޕެޕިސް ސިސޭ އެވެ.

ތިން ވަނަ ފަހަރަށް މެޗުގެ ނަތީޖާ ޔުނައިޓެޑަށް އެއްވަރު ކޮށްދިނީ 71 ވަނަ މިނިޓުގައި ވެމްޕާސީ ކާމިޔާބު ކޮށްދިން ގޯލުންނެވެ. އަދި މެޗުން ޔުނައިޓެޑު މޮޅުވީ މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު ސިކުންތުގައި ޒާވިއާ ހެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުން ނެވެ.

މެންޗެސްޓާ ސިޓީ ރޭ ސަންޑަލޭންޑާއި ވާދަކޮށް ބަލިވީ އެއްލަނޑު ސުންލަނޑުން ނެވެ. ސިޓީ ސިއްސުވާލުމަށް ފަހު ސަންޑަލޭންޑުގެ ގޯލް ކާމިޔާބު ކޮށްދިނީ މެޗުގެ 53 ވަނަ މިނިޓުގައި ކުރިން ސިޓީއަށް ކުޅުނު ތަރި އެޑަމް ޖޯންސަން އެވެ.

ރޭގެ މެޗުން ސިޓީ ބަލިވުމުން 46 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އޮތް ޔުނައިޓެޑަށް ވުރެ އެޓީމު ވަނީ 7 ޕޮއިންޓު ފަހަތަށް ޖެހިފަ އެވެ.

ނޯވިޗް ސިޓީ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ 38 ވަނަ މިނިޓުގައި ހުއާން މާޓާ ޖަހައިދިން ރީތި ލަނޑާ އެކު ތާވަލުގެ ތިންވަނައިގައި އޮތް ޗެލްސީ ވަނީ ދެވަނައިގައި 39 ޕޮއިންޓާ އެކު އޮތް ސިޓީއާއި ހަތަރު ޕޮއިންޓު ކައިރިއަށް ޖެހިލާފަ އެވެ.

އަދި ސްޓޯކް ސިޓީއާއި ލިވަޕޫލު ބައްދަލު ކުރިމެޗުގެ ތިން ވަނަ މިނިޓުގައި ސްޓީވަން ޖެރާޑް ޕެނަލްޓީއަކުން ލިވަޕޫލަށް ކުރި ހޯދާދީފައި ވަނިކޮށް ސްޓޯކުން ވަނީ ފަހަތުން އަރާ ތިންލަނޑު ޖަހައިގެން ލިވަޕޫލު ހިތްދަތި ގޮތަކަށް ބަލިކޮށްފަ އެވެ.

ސްޓޯކުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މެޗުގެ ފަސް ވަނަ މިނިޓުގައި ޖޮނަތަން ވޯލްޓާސް، 12 ވަނަ މިނިޓުގައި ކެންވީން ޖޯންސް އަދި 48 ވަނަ މިނިޓުގައި ޖޮނަތަން ވޯލްޓާސް އެވެ.

ރޭގެ މެޗުން ބަލިވުމުން ލިވަޕޫލް 25 ޕޮއިންޓާއެކު ތާވަލުގެ 10 ވަނަ އަށް ވެއްޓުނު އިރު ސްޓޯކް ވަނީ 28 ޕޮއިންޓާއެކު ތާވަލުގެ އަށްވަނަ އަށް ޖެހިލާފަ އެވެ.