އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗަކަށް މުހައްމަދި އިގްބާލް އަދި ޓީމުގެ ކެޕްޓަނަކަށް މޫސާ ޔާމީން ހަމަޖއްސައިފި އެވެ.

ނިއުގެ އެސިސްޓެންޓް މެނޭޖަރު އިބްރާހީމް ޝާޒް ހަބީބް ވިދާޅުވީ، މި އަހަރުގެ ކުރީ ކޮޅު ޔޫތު ޓީމުގެ ކޯޗް ކަމުގެ މަގާމްގައި ހުންނެވި، އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ ހަސަން ހަމީދު (ޑަކޭ) ކޯޗް ކަމުން އިސްތިއުފާ ދިނުމުން، ކޯޗަކު އައްޔަން ކުރުމަށް މިއަދު ބޭއްވި ބޯޑު މީޓިންއަށް ފަހު، ޔޫތު ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ކުރިން ގައުމީ ޓީމަށާއި ކުލަބް ވެލެންސިޔާ އަށް ކޯޗްކަން ވެސް ކޮށްފައިވާ މުހައްމަދު އިގްބާލެވެ. އަދި ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސީ ކުރިން އޭވައެލްއަށް ކުޅުމަށް ފަހު ނިއުއަށް އަންނަ ސީޒަންގައި ކުޅެން އެއްބަސްވި މޫސާ ޔާމިންނަށެވެ.

މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ނިއުގެ ފަރިތަކުރުންތައް މިއަދު ހަވީރު 4:00 ޖަހާއިރު، ޓާފް އެއްނަންބަރު ދަނޑުގައި ފެށުމަށް އެކުލަބުން ވަނީ ނިންމައިފަ އެވެ. އަދި ފަރިތަކުރުންތައް ފަށާއިރު ކުލަބުގެ ސްކޮޑުގައި މިހާރު ވެސް 30 އަށް ވުރެ ގިނަ ކުޅުންތެރިން ތިބިކަމަށް ސާޒް ވިދާޅުވި އެވެ. އަދި އޭނގެ ތެރެއިން 13 ކުޅުންތެރިންނަކީ މިއަހަރު ވެސް ނިއުގެ ޔޫތް ޓީމުގައި ކުޅެފައިވާ ކުޅުންތެރިން ނެވެ.