ފުލުހުނަށް ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ހިންގަމުންގެން އަންނަ ދެ ކެންޓީނެއް ހުއްދަ ނުހޯދައި ހިންގަމުންދާތީ އެތަންތަން ހިންގުމަށް ހޯދަން ޖެހޭ ހުއްދަ ހޯދުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގައިފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މީޑިއާ ކޯޑިނޭޓާ ޖަމީލާ މުހައްމަދު ވިދާޅުވީ އިސްކަންދަރު ކޮއްޓާއި ޝަހީދު ހުސެން އާދަމް ބިލްޑިންގްގައި ފުލުހުން ހިންގަމުން އަންނަ ދެ ކެންޓީނު ހިންގަމުން ގެންދަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިންގުމަށް ނަގަން ޖެހޭ ހުއްދަ ނުނަގާކަމުން ހުއްދަ ނަގައިގެން ހިންގުމަށް މިހާރު އަންގާފައިވާ ކަމަށެވެ. އެގޮތަށް ފުލުހުނަށް އަންގާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

"ބަންދުކުރާކަން ނޫން އެންގީކީ ބަންދުކުރަން އަންގާނީ އަޅުގަނޑުމެންގެ ހުއްދައެއް ހޯދައިގެން ހިންގާނަމަދޯ، އަޅުގަނޑުމެން އެންގީ ހުއްދަ ނުހޯދައި ހިންގަމުންދާތީ ހުއްދަ ހޯދައިގެން ހިންގުމަށް،" ޖަމީލާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ދެތަނުގެ ސާފުތާހިރުކަން ވަރަށް ދައްވެ ހަޑިވެފައި ވާތީ އެ ދެތަނުގެ ސާފުތާހިރުކަން އިތުރުކޮށް ނަގަން ޖެހޭ ހުއްދަ ހޯދުމަށް ފަހު އެ ދެ ތަން ވެސް ހިންގުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ފުޑް އެންޑް ޑުރަގް އޮތޯރިޓީން ފުލުހުނަށް އިސްލާހު ކުރުމަށް އަންގާފައިވާ ކަންތައްތައް އިސްލާހުކުރަމުންދާ ކަމަށާއި އެގޮތުން ނަގަން ޖެހޭ ހުއްދަ ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.