27 Sep 2010, 15:56
ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް މުވައްޒަފުނާމެދު އަމަލު ކުރަމުންދާ ކަމަށްބުނެ ހުޅުލޭ އައިލެންޑް ހޮޓަލުގެ މުވައްޒިފުން މައްސަލަ ހުށަހަޅައިފި އެވެ.
އެ ހޮޓަލުގެ މުވައްޒިފަކު ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެމުން މިއަދު ބުނީ މުވައްޒިފުންނާ މެދު ހިންގާ ގާނޫނާ ހިލާފު ކަންތައްތައް ފާހަގަކޮށް 13 މުވައްޒަފެއްގެ ސޮޔާއެކު ލޭބަ ރިލޭޝަންސް އޮތޯރިޓީއަށް މިހާރު އެ މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ.
ސަންއެފްއެމަށް ވެސް ކޮޕީ ލިބިފައިވާ އެ ސިޓީގައި މުވައްޒިފުން ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި، ގާނޫނުގައި ބުނެފައިވާ އަށް ގަޑިއިރުގެ ބަދަލުގައި ދުވާލަކު ނުވަގަޑިއިރު މަސައްކަތް ކުރުވުމާއި، ރަސްމީ ބަންދު ދުވަސްތައް މުވައްޒިފުންނަށް ދިނުމުގައި ތަފާތުކުރުން ގެންގުޅޭ މައްސަލަ ހިމެނެ އެވެ.
ރަސްމީ ބަންދު ދުވަހެއްގައި މުވައްޒިފުން ލައްވާ މަސައްކަތް ކުރުވުމަށްފަހު އިތުރުގަޑީގެ ފައިސާ ދިނުމަށް އެއްބަސްވި ނަމަވެސް ފައިސާގެ ބަދަލުގައި އޮފް ދުވަހަކަށް އެދިއްޖެނަމަ 10 ދުވަހުގެ ތެރޭގައި ޗުއްޓީ ދުވަސް ކަނޑައެޅުމަށް މަޖުބޫރު ކުރުވާ ކަމަށް ވެސް އޭގައި ފާހަގަކޮށްފައިވެ އެވެ. އަދި އެކަމުގައި ސުޕަވައިޒަރުންނަށް ތަފާތު ގޮތެއް ހަމަޖައްސައި އެ ބަންދު ދުވަސް ސުޕަވައިޒަރުންގެ އަހަރީ ޗުއްޓީއަށް އިތުރުކުރާ ގޮތަށް ހަމަޖައްސަމުން ގެންދާ ކަމުގެ ޝަކުވާ ވެސް ހިމަނައިފައިވެ އެވެ.
ޝަކުވާތަކުގެ ލިސްޓުގައި، މުވައްޒިފުންނަށް ދޭންޖެހޭ ރޯދަމަހުގެ އެލަވަންސް ނުދީ އޭގެ ބަދަލުގައި ރޯދަމަހު މުވައްޒިފުންނަށް ދެމުންގެންދަނީ ބޯނަހުގެ ފައިސާއިން ބައެއް ކަމަށް ފާހަގަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި، ރަމަޟާންމަހު ހަ ގަޑިއިރު މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައި އޮތްއިރު، ހުޅުލޭ އައިލެންޑް ހޮޓަލަކީ ވެސް އެއާޕޯޓްސް ކޮމްޕެނީ ހިއްސާވާ ތަނެއްގެ ގޮތުގައި އޮތްއިރު އެތަނުގެ މުވައްޒިފުން ލައްވާ ނުވަގަޑިއިރު މަސައްކަތް ކުރުވާފައިވާ ކަމަށެވެ.
މި މައްސަލަ ހޮޓެލް މެނޭޖްމަންޓަށް ހުށަހަޅާފައިވާނެ ކަމަށް ވެސް މުވައްޒަފުން ވަނީ ބުނެފަ އެވެ.
ދުއިސައްތައަށް ވުރެ ގިނަ މުވައްޒިފުން ވަޒީފާ އަދާކުރާ ހުޅުލޭ އައިލެންޑް ހޮޓެލްގެ ހިއުމަން ރިސޯސް މެނޭޖަރު އަލީ ޝާކިރު ވިދާޅުވީ، އެ ހޮޓަލުގެ އެއްވެސް މުވައްޒިފަކާ މެދު ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި އެއްވެސް ކަމަކާ ހިތްހަމަނުޖެހިގެން އެއްވެސް މުވައްޒިފަކު އެއްވެސް ޝަކުވާއެއް ހުށަހަޅައިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާކިރު ވިދާޅުވީ، ހުޅުލޭ އައިލެންޑް ހޮޓަލްގެ މުވައްޒިފުން ލައްވާ މަސައްކަތް ކުރުވަނީ ގާނޫނުގައި ބުނާގޮތަށް، ހަފްތާއަކު 48 ގަޑިއިރު ކަމަށާއި ދުވާލަކު ނުވަ ގަޑިއިރު މަސައްކަތް ކުރުވާ ކަމަށް ބުނާއިރު، އެއް ގަޑިއިރަކީ މުވައްޒިފުން ކެއުމަށާއި ނަމާދު ކުރުން ފަދަ އަމިއްލަ މަސައްކަތް ކުރަންދޭ ވަގުތު ކަމަށެވެ. އެވަގުތުގައި އެމީހުންނަށް ހޮޓަލްގެ މަސައްކަތްކުރަން ނުޖެހޭނެ ކަމަށެވެ.
ޝާކިރު ވިދާޅުވީ ރޯދަމަހުގެ އެލަވަންސްގެ ވާހަކަ ދައްކާއިރު ގާނޫނުގައި ބުނެފައިވާ ގޮތަށްވުރެ ވެސް ރަނގަޅަށް އެކަން ކޮށްދޭ ކަމަށާއި، ރަމަޟާންމަހުގެ ފައިސާގެ ގޮތުގައި ދޮޅުމަހުގެ މުސާރަ ބޯނަހުގެ ތެރެއިން މުވައްޒިފުންނަށް ދޭ ކަމަށެވެ. އަދި އިތުރު ގަޑީގައި މުވައްޒިފުން ލައްވާ މަސައްކަތް ކުރުވައިފިނަމަ ގާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދޭ ކަމަށާއި، ނުވަތަ މަސައްކަތްކުރުވާ ދުވަހުގެ ބަދަލުގައި ޗުއްޓީ ދުވަސް މުވައްޒިފުންނަށް ދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ހުޅުލޭ އައިލެންޑް ހޮޓަލުން މުވައްޒިފުންނާ ދޭތެރޭ ކަންތައް ކުރަނީ، ގާނޫނާ އެއްގޮތަށްތޯ ބެލުމަށް މިދިޔަ ހަފްތާގައި، ލޭބާ މިނިސްޓްރީގެ ބޭފުޅުން އެ ހޮޓަލަށް ޒިޔާރަތްކޮށް މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށާއި އެފަރާތުން އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާ ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.