27 Dec 2012, 13:27
ފުލުހުންގެ ވަޒީފާގައި ހުރެ ފޭރުނު ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ފުލުހަކު ވާޒީފާ އަށް ފިލައިގެން އުޅޭތީ އޭނާ ހޯދަން ފުލުސް އޮފީހުން މިއަދު އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ ޕޮލިސް ލާންސް ކޯޕްރަލް ތ. ތިމަރަފުށި އަސްނީމް، އަލީ ޚަލީފާ ފުލުހުންގެ މަސައްކަތަށް ހާޒިރުނުވެ ފިލައިގެން އުޅޭތީ އޭނާ އުޅޭތަނެއް އެނގޭ ފަރާތެއް ވާނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް އެންގުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި އޭނާ މާލޭގައި އުޅޭނަމަ 24 ގަޑިއިރުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އޭނާއަށް އަންގާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަލީ ޚަލީފާއަކީ ފުލުހުންގެ ވަޒީފާގައި ހުރެ އިތުރު ފުލުހުންތަކަކާއި ސިފައިންގެ މީހަކާއި އާންމުންގެ މީހަކާ ބިދޭސީންތަކަކާ އެއްކޮށް މާލޭގެ ގެސްޓް ހައުސްއަކަށް ވަދެ އެތާގައި ތިބި ބިދޭސީންތަކެއްގެ އަތުން ޑޮލަރުތަކާއި ގިނައަދަދެއްގެ މޯބައިލް ފޯން ފޭރުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ މީހެކެވެ.
މިދިޔަ މަހުގެ އަށް ވަނަ ދުވަހު ސަން އަށް މައުލޫމާތު ދެމުން ޚަލީފާ ބުނެފައި ވަނީ އޭނާ އަކީ ފޭރުމުގައި ބައިވެރިވެފައިވާ މީހެއް ނޫންކަމަށެވެ. އަދި ފޭރުނު މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި އޭނާގެ މައްޗަށް ފުލުހުން ކުރަނީ އެހެން ތުހުމަތެއް ކަން އެނގިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެދުވަހު އޭނާ ބުނެފައި ވަނީ ފޭރުނުކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރުމުން އާއިލާއިން ވެސް ތިބީ އެކަމާ ހިތްހަމަނުޖެހިފައި ކަމަށެވެ. އަދި އޭނާ ނުކުރާ ކަމެއްގައި އޭނާގެ މައްޗަށް ދައުވާ ކުރުމުން ދެން ފުލުހުންގެ ވަޒީފާއަށް ނުކުންނަށް ބޭނުންނުވާކަމަށް ވެސް އެދުވަހު އޭނާ ބުނެފައި ވެއެވެ.