ހ. ލަކީ ޕެލަސްގެ ކޮޓަރިއެއްގެ ތެރޭގައި ފިރިހެނަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގޮވައިގެން އޮއްވާ ވަދެ ތޫނު ހަތިޔާރުން ބިރުދެއްކުމަށްފަހު، ފޯނުތަކަކާއި ވޮލެޓެއް ފޭރިގަތުމަށް ފަހު ވިސާ ޑެބިޓް ކާޑުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ކ. މާލެ، ހ. ފިނިމާގެ އަގުމަދު ނަބީލް، 23، އަދި ގއ. ކަނޑުހުޅުދޫ، ވިދާތަރި އިކްލީލް އިބްރާހީމް، 29،ގެ މައްޗަށް ކަމަށެވެ.

އަހުމަދު ނަބީލު އަދި އިކްލީލް އިބްރާހީމުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ހަ ވަނަ ދުވަހުގެ ވަގުތެއްގައި ގެސްޓް ހައުސެއްގެ ކޮޓަރިއެއްގެ ތެރޭގައި ތިބި ދެ މީހަކަށް ކަޓަރުން ބިރުދައްކައި އެމީހުންގެ އަތުގައި އޮތް ވޮލެޓާއި ފޯނުތައް ފޭރިގަތުމަށް ފަހު އެމީހުންގެ ވޮލެޓް ތެރޭގައި އޮތް ވިސާ ޑެބިޓް ކާޑުން ފައިސާ ނަގާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މަހު 10 ވަނަ ދުވަހު އެވެ.

މިދިޔަ މަހު ވެސް ގެސްޓް ހައުސްއަކަށް މީހަކު ގެންދިއުމަށް ފަހު އެމީހާއަށް ބިރުދައްކައި އޭނާގެ އަތުން 1400 ޑޮލަރު ފޭރި ގަނެ އަދި ކޭޝްކާޑުން އެއް ލައްކަ ރުފިޔާގެ ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.