27 Dec 2012, 13:14
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް ސަރުކާރަށް އެންގުމަށް ރައްޔިތުންގެ މަޖިލީހަށް ފާސްނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ނެކްސްބިޒުން ދައުވާ ކޮށްފި އެވެ.
ނެކްސްބިޒްގެ ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް މިއަދު ވިދާޅުވީ އެއްބަސްވުން އުވާލަން ސަރުކާރަށް އެންގުމަށް މަޖިލީހަށް ފާސް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން މަޖިލީހުގެ ނިންމުމަށް އަމަލު ނުކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެދިފައިވާނެ ކަމަށް ވިޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިއްޔެ ހުށަހެޅި މައްސަލައާ އެކު ކޯޓުތަކުގައި މިހާރު އެކުންފުނިން ދައުވާ ކޮށްފައިވާ ހަ މައްސަލަ އޮންނާނެ ކަމަށެވެ. އެއީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ހަތަރު މައްސަލައަކާ ހައިކޯޓާއި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުން ބާތިލު ކުރުމަށް ސަރުކާރުން އެންގުމަށް މާލިއްޔަތު ކޮމެޓީން ހުށަހެޅި ރިޕޯޓް ފާސްވެފައި ވަނީ އަންގާރަ ދުވަހު މަޖިލީހަށް ހާޒިރުވި 74 މެންބަރުންގެ އިއްތިފާގުންނެވެ. އެއާ އެކު ސަރުކާރުންވެސް ނިންމާފައިވަނީ އެ އެއްބަސްވުން އުވާލުމަށެވެ. ސަރުކާރުން މިހާރު އަންނަނީ އެ އެއްބަސްވުން އުވާލުމަށް ކުރަން ޖެހޭ ގާނޫނީ މަސައްކަތްތައް ކުރަމުންނެވެ.