27 Dec 2012, 12:52
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު މެންދުރު ފަރިއްކޮޅަށް ގެނައި ތަކެތިން ދަގަނޑުކޮޅުތަކެއް ފެނިގެން، މަޖިލީހުގެ މެންބަރުން އެކަން ރިޔާސަތުގެ ސަމާލު ކަމަށް ގެނެސްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ދެ މެންބަރަކު މިއަދު މެންދުރު ފަރިއްކުޅުއްވި ތަކެތިން ދަގަނޑު ކޮޅާއި ރޭޒަރު ތިލަ ފެނިފައިވާ ކަމަށެވެ. އެގޮތުން ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމްއާއި ވިލިނގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒު ފަރިއްކުޅުއްވި ތަކެތިން އެތަކެތި ފެނުމާއެކު، މަޖިލީހުގެ މެންބަރުން އެތަކެތި ފަރިއްކުޅުއްވުން ހުއްޓާލައްވާފައިވާ ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަންއަށް އެނގިފައިވާ ގޮތުންގައި މަޖިލީހަށް މިއަދު މެންދުރު ގެނައި ތަކެއްޗަކީ މަޖިލިސް ކައިރީގައި ހުންނަ ކިންގްސް ކޯނާއިން ގެނައި ކާތަކެއްޗެވެ. އިއްޔެ ވެސް މަޖިލީހަށް ކޭޓާކޮށްފައި ވަނީ އެތަނުންނެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައިވެސް މެންބަރުންގެ އިމްތިޔާޒްގެ ބިލުގެ ބަހުސް ކުރިއަށް ދަނިކޮށް، ނިޒާމީ ނުކުތާނަންގަވައި މެންބަރުން ވަނީ އެ މައްސަލަ މަޖިލީހުގެ ރިޔާސަތުގެ ސަމާލު ކަމަށް ގެނެސްފަ އެވެ. ރިޔާސަތުން އެ މައްސަލަ ނިޒާމީ މައްސަލައެއްގެ ގޮތުގައި ނުބެލިނަމަވެސް، ކާތަކެތިން ދަގަނޑު ކޮޅުތަކެއް ފެނުނު މައްސަލަ ބަލަމުން އަންނަ ކަމަށް މަޖިލީހުގެ އިދާރާއިން ކަށަވަރުކޮށްދެއްވަ އެވެ.
މަޖިލީހަށް މީގެ ކުރިން ކޭޓާ ކުރަމުންދިޔަ މުހައްމަދު ތައުފީގު (ސައުތު ތަފީގު)ގެ ބީޗު ކެފޭއިން ގެނައި ތަކެތި ފަރިއްކުޅުއްވައިގެން މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުންގެ އިތުރުން ސެކިއުރިޓީ ބަލަހައްޓާ ސިފައިން ވެސް މީގެ ކުރިން ވަނީ ކާނާ ވިހަވެފަ އެވެ. އެ މައްސަލާގައި ސައުތު ތައުފީގުގެ ބީޗު ކެފޭއިން މަޖިލީހަށް ކޭޓަ ކުރުން ވަނީ ހުއްޓާލާފަ އެވެ.
ފުލުހުންނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބެލި ބެލުމުން، މަޖިލީހަށް ގެނައި ތަކެއްޗަކީ ދަތުރުވެރިންގެ މާރުކޭޓް، މާރުކޭޓް ހޮޓަލުން މަޖިލީހަށް ކޭޓާކޮށްފައިވާ ތަކެއްޗެވެ.