ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ ކުރީގެ ވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ އަލްގީންގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފުކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ހުސެއިން ނާޝިދު މިއަދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އަލްގީންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ އިސްވެރިޔާގެ ގޮތުގައި ހުންނަވައިގެން 2006 އަދި 2007 ވަނަ އަހަރު ރާއްޖޭގައި މޫސުމާ ބެހޭ ތަހުލީލެއް ކުރުމަށް މީޓިއޮރޮލޮޖީއާ ޖަޕާނުގެ ކުންފުންޏަކާ ދެމެދު ވެވުނު އެއްބަސްވުންތަކެއްގެ ދަށުން ކުރަންޖެހޭ ފައިސާގެ ހުރިހާ މުއާމަލާތްތައް މީޓިއޮރޮލޮޖީއާ ނުބެހޭގޮތަށް އޭނާއާ އެކު ކުރުމަށް އަންގައި، އެ މަޝްރޫއުގެ ދަށުން ސަރުކާރަށް ލިބެންޖެހޭ ފައިސާ އަލްގީންގެ އެކައުންޓަށް ޖަމާކޮށް އެފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ ދައުވާގެ އަސްލަށް އަލްގީން އިންކާރު ކޮށްފައިވާއިރު، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި އެއްވެސް ލިޔުމަކުން އެފައިސާ އަކީ މީޓިއޮރޮލޮޖީގެ އެކައުންޓަށް ޖަމާވާންޖެހޭ ފައިސާއެއް ކަމަށް ބަޔާން ކޮށްފައި ނުވާކަމަށެވެ. އަދި އަލްގީންގެ އެކައުންޓަށް ޖަޕާންގެ ކުންފުނިން ޖަމާކުރި ފައިސާ އަކީ އެކުންފުނިން ސަރުކާރަށް ޖަމާކުރަންޖެހޭ ފައިސާއެއްކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާއިރު އަލްގީން ޚިޔާނާތެރިވެގެން ޖަޕާންގެ ކުންފުނިން ޝަކުވާކޮށްފައިނުވާކަމަށް ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވެއެވެ.