ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާ އެކު މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބަންދުކޮށްފައިވާ ޖަލަޕީނޯ ރެސްޓޯރެންޓް އާ ނަމަކާ އެކު މިއަދު ހުޅުވައިފި އެވެ.

ރިވާސައިޑްގެ ނަމުގައި މިއަދު އަލަށް ހުޅުވި އެ ރެސްޓޯރެންޓްގެ ވެރިޔާ މުހައްމަދު އަބުދުﷲ ރުޝްދީ މިއަދު ސަން އޮންލައިނަށް ބުނީ އާ މެނޭޖްމެންޓަކުން، ކުރިން ޖަލަޕީނޯ ހިންގި އިމާރާތުގައި ހިންގަންފެށި އެ ރެސްޓޯރެންޓްގައި ގާނޫނާއި ގަވައިދާ ހިލާފު އެއްވެސް ކަމެއް ނުހިގާނެ ކަމަށެވެ.

"އަޅުގަނޑުމެން މިތަން ހިންގަން މިއަދު މިފެށީ ދެން މިތާކު ރާއްޖޭގެ ގާނޫނާ ހިލާފް އެއްވެސް ކަމެއް ނުވާނެ." އަލަށް ރެސްޓޯރެންޓް ހިންގުމުގެ ވިޔަފާރި ފެށި ރުޝްދީ ބުންޏެވެ.

އަދި ބުނީ އެރެސްޓޯރެންޓް އިން ތަފާތު ވައްތަރުގެ ކޮފީ އާއި ތަފާތު ބުއިންތަކުގެ އިތުރުން ޒަމާނީ ކެއުންތައް ވެސް ލިބޭނެ ކަމަށެވެ.

އާ ނަމެއްގައި ޖަލަޕީނޯ ރެސްޓޯރެންޓް ހުޅުވާފައިވާ އިރު ފުލުހުން އެތަން ބަންދުކުރި އިރު އެތަނުން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އެތަނުން ފެނުނެވެ. އަދި އެއާ އެކު ބަނގުރާއަޅާ ފައި ހުރިކަމަށް ބެލެވޭ ތަށިތަކެއް ފެނިފައިވާ އިރު ބަނގުރާ އަޅާފައި ހުރިކަމަށް ބެލެވޭ 500 އެމްއެލްގެ ކުދި ފުޅިތަކެއް ވެސް އެތަނުގެ ތެރެއިން ފެނުނެވެ. އަދި މަސްތުވާތަކެތީގެ އެހެން ބާވަތްތައް ކަމަށްވާ، ހަޝިސްއޮއިލް އާއި ހިރޮއިންއަށް ޝަކުއްކުރެވޭ ޕެކެޓްތަކެއް ވެސް ރެސްޓޯރަންޓުގެ ތެރެއިން ވަނީ ފެނިފަ އެވެ. އަދި ފުލުހުން ވަނީ އެތަނުގެ އެތަރެއިން 18 މީހުން ވެސް ހައްޔަރުކޮށްފަ އެވެ.