27 Dec 2012, 12:39
ދުނިޔޭގައި އެންމެ ގިނަދުވަހު ދިރިހުރި އަންހެން މީހާގެ ރެކޯޑް ލިބިފައިވާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ މަރިޔަމް ހަމްދާން އަމްމާޝް ޢުމުރުން 124 އަހަރުގައި ނިޔާވެއްޖެ އެވެ.
މަރިޔަމްގެ މާމަދަރިއަކާ ހަވާލާދީ ގަލްފު ނިއުސްގައި ބުނެފައި ވަނީ ފަސް ފަހަރު ހައްޖުގެ މާތްއަޅުކަން އަދާކޮށް ދިހަ ފަހަރު ޢުމްރާގެ މާތް އަޅުކަން އަދާކޮށްފައިވާ އޭނާގެ މާމަ އަށް ގިނިސް ވޯލްޑް ރެކޯޑުން ޖާގަލިބުމަށް ދިމާވި ހަމަ އެކަނި ހުރަހަކީ ބުރުގާ ނަގައިގެން ޓީވީ ކުރިމަށްޗަށް ނިކުތުމަށް މާމަ އާއި ޢާއިލާ އިން ދެކޮޅު ހެދުން ކަމަށެވެ.
ގިނިސް ވޯލްޑް ރެކޯޑު ބަލަހައްޓާ ޓީމުން މަރިޔަމް އާ ބެހޭ މައުލޫމާތު ހޯދުމަށް އޭނާއާއި ބައްދަލުކުރުމުން މަރިޔަމް ވަނީ ދެދުނިޔޭގައި ފާފަވެރި ވާނޭ އެއްވެސް އަމަލަކަށް ހުށަހެޅެން ބޭނުން ނުވާކަމަށް ބުނެ ގިނިސް ރެކޯޑުގައި ބައިވެރިވުމަށް ދެކޮޅު ހަދާފަ އެވެ.
"މިދިޔަ މާޗު މަހުގައި ގިނިސް ޓީމުން ވަނީ މަރިޔަމް އާއި މަރިޔަމްގެ އާއިލާއާއި ބައްދަލުކޮށްފައި. 122 އަހަރާ ބައިގެ މުއްދަތަކަށް ދުނިޔޭގައި އުޅުނު ފްރާންސްގެ އަންހެނެއް ކަމަށްވާ ޖެނީ ލޫސީ ކާލްމެންޓްގެ ރެކޯޑް މުގުރާލުމަށް އެ އިވެންޓުގައި ބައިވެރިވުމާ ދޭތެރޭ ވަރަސް ސީރިޔަސްކޮށް އާއިލާތެރޭގައި ބަހުސު ކުރެވުނު،" މަރިޔަމްގެ މާމަ ދަރިއެއް ކަމަށްވާ މަހުދީ ހިލްމީ އަމްމާޝް ގަލްފު ނިއުސްއަށް ދިން އިންޓަވިއު އެއްގައި ބުނެފައިވެ އެވެ.
"މާމަގެ އުފަންދުވަހުގެ ސެޓްފިކެޓާއި އައިޑެންޓިޓީ ކާޑުގެ އިތުރުން އެހެނިހެން ރަސްމީ ލިޔެކިޔުން ހިފައިގެން ހުރެ މިހުދީ ހިލްމީ ބުނެފައި ވަނީ "ގިނިސް ވޯލްޑް ރެކޯޑުން ދުނިޔޭގައި އެންމެ ގިނަދުވަހު ދިރިއުޅުނު އަންހެން މީހާގެ ގޮތުގައި މާމައަށް ލިބެންޖެހޭ ހައްގު ހޯދައި ނުދީ، މާމަ ނިޔާވި ކަމުގައިވިޔަސް ހުއްޓައެއް ނުލާނަން." ކަމަށެވެ.
ތުރުކީގެ އުފަންދުވަހުގެ ސެޓްފިކެޓަކާއި އައިޑީ ކާޑެއް އޮންނަ މަރިޔަމް އުފަންވެފައި ވަނީ 1888ގައި ކަމަށް ވަރަށް ސާފުކޮށް ފެންނަން އޮތްކަމަށާއި އަދި އެކަން ޔަގީންކުރުމަށް މާމައާ ބައްދަލު ކުރި އޮފިޝަލުން އެއީ ސައްހަ މައުލޫމާތުކަން ޔަގީން ކުރެވިފާވާ ކަމަށް މަހުދީ ބުނެފައި އެވެ.
ދިހަ ކުދިން ލިބިފައިވާ މަރިޔަމްގެ އެންމެ ހަގު ދަރިފުޅު މީގެ އެތައް ދުވަސްތަކެއް ކުރިން ވަނީ ނިޔާ ވެފަ އެވެ. ހަތަރު ފިރިހެން ދަރިންނާއި ފަސް އަންހެން ދަރިންގެ ފަރާތުން މަރިޔަމްގެ އާއިލާގައި ގާތްގަނޑަކަށް 600 ދަރިން ތިބޭނޭ ކަމަށް ލަފާކުރެވެ އެވެ.
އާއިލާގެ ހުރިހާ މެންބަރުންނާ ވެސް ގާތް ގުޅުމެއްބާއްވާ މަރިޔަމް އަކީ އެއާއިލާގެ އެންމެން އިހްތިރާމް ކުރާ އަދި އެންމެ އިތުބާރު ކުރާ ދީނީ ލީޑަރެކެވެ. މީގެ އިތުރުން މަރިޔަމް އަކީ އޭނާގެ ދުވަސްވަރުގައި ނުހަނު ހީވާގި އަދި އިޖްތިމާއީ ކަންތައްތަކުގައި ވެސް ވަރަށް ބޮޑަށް ބައިވެރިވި ހަރަކާތްތެރިއެކެވެ. އޭނާގެ އަވަށުގައި މަރިޔަމް މަޝްހޫރު ވެފައި ވަނީ ކުޑަކުދިންނަށް އަޅާލާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގަ އެވެ.
މާމައާ ބެހޭ ގޮތުން މަހުދީ އިތުރަށް ބުނެފައި ވަނީ އޭނާގެ މާމައަކީ ކެއިންބުއިމުގައި ވަރަށް ފަރުވާތެރިކަން ބަހައްޓާ މީހެއް ކަމަށެވެ.
"އާއިލާގެ އެއްވެސް މީހަކު ހަނދާނެއް ނުހުރޭ މާމަ ތައްޔާރީ ކާނާ ބޭނުންކުރިކަމެއް. އޭގެ ބަދަލުގައި އަބަދުވެސް އިސްކަންދިނީ ތަރުކާއީ އާއި މޭވާގެ ބާވަތްތައް ކެއުމުގައި ބޭނުން ކުރުމަށް،" އޭނާ ބުންޏެވެ. "މާމަ އަބަދުވެސް ބޯން ބޭނުން ކުރާނީ ފެން ކެއްކުމަށް ފަހު ތާޒާ ވައިލިބޭ ތަނެއްގައި ބަހައްޓައިގެން ހިހޫކޮށްގެން. ފުރިހަމަ ސިއްހަތެއްގައި ތިބުމަށާއި ދިގު އުމުރެއް ލިބޭނޭ ގޮތަށް ދިރިއުޅުން ބަހައްޓާ ނޭގޮތް މީސްތަކުންނަށް މާމަ ކިޔާދޭނެ،" މަހުދީއާ ހަވާލާދީ ގަލްފު ނިއުސްގައި ބުނެފައިވެ އެވެ.
އަދި މަހުދީ މަރިޔަމް ސިފަކޮށްފައި ވަނީ ތުރުކީއާއި އިނގިރޭސީންގެ ބާރުގެ ދަށުގައި ފަލަސްތީނު އޮތް ދުވަސްވަރުގެ ކަންތައްތައް ލޮލުންދެކި އަތުން ހިފާފައިވާ މަރިޔަމް އަކީ އެފަދަ ދުވަސްވީ ތާރީޚުތައް ރައްކާކުރެވިފައިވާ އެންސައިކޮލޮޕީޑިޔާ އެއްގެ ގޮތުގަ އެވެ.
"މާމަ ނިޔާވުމާ ހަމައަށް އެތަކެއް ހާސް ވާހަކަތަށް ކިޔާދީފައިވޭ، ތުރުކީއާއި އިނގިރޭސީންގެ ދަށުގައި ފަލަސްތީނުގެ ރައްޔިތުން އުޅުނު ގޮތް. އަދި އެ ސަރަހައްދުގައި ހިނގާފައިވާ އެތައް ހަނގުރާމައެއްގެ ވާހަކަ މާމަ ކިޔާދީފައިވޭ. މިހާރު ދެރަވޭ އެ ހުރިހާ ވާހަކަތަކެއް ރެކޯޑްކޮށް ޑޮކިޔުމެންޓް ކުރެވިފައި ނެތުމުން،" ތާރީޚީ ވާހަކަތައް އޭނާގެ އާއިލާއިން މީސްތަކުންނާއި ހަމައަށް ވާސިލުކޮށްދޭނެކަމަށް ވައުދުވަމުން މަހުދީ ބުނެފައިވެ އެވެ.
މިދިޔަ ހޮނިހިރުދުވަހު ނިޔާވި 124 އަހަރުގެ މަރިޔަމް ހަމްދާން އަމްމާޝްގެ އާއިލާ އަށް ތައުޒިޔާ ކިޔުމަށް ޓަކައި ހައިފާ ކައިރީގައި އޮންނަ ޖިސްރުލް ޒަރަޤްޢާ ކިޔާ އަވަށުގައި ހުންނަ އޭނާގެ ގެޔަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރަމުންދާކަމަށްވެ އެވެ.