ސަންލޭންޑް ހޮޓެލްސް އެންޑް ރިޒޯޓްސްގެ ބައެއް ކަމަށްވާ ކޮކޯ ކަލެކްޝަނުން، "ކޮކޯ ޕްރިވޭ"ގެ ނަމުގައި އާ ޕްރައިވެޓް އައިލެންޑް ރިޓްރީޓެއް ރާއްޖޭގައި ހުޅުވައިފި އެވެ.

އާއިލާއާ އެކު ނުވަތަ ރައްޓެހިންނާ އެކު ނަމަވެސް ޕްރައިވެޓް ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން މާލެ އަތޮޅު އުތުރު ބުރީގައި އޮންނަ ކުޑަހިތީގައި ހަދާފައިވާ ކޮކޯ ޕްރިވޭގައި ގިނަވެގެން އެއްފަހަރާ ހިދުމަތް ދެވޭނީ 12 ފަތުރުވެރިންނަށް ކަމަށްވެ އެވެ. އެގޮތުން އެތަނުގެ އަގުތައް އުޅޭނީ ސީޒަނަށް ބަލާފައި 8200 ޑޮލަރު (126444 ރުފިޔާ) އާއި 32500 ޑޮލަރު (501150 ރުފިޔާ) އާއި ދެމެދުގެ އަގުތަކެއްގަ އެވެ.

ކޮކޯ ޕްރިވޭގައި ނިދުމަށް ބޮޑު އެއް ގެ ހަދާފައިވާ އިރު ވަކިން ފަސް ވިލާ ހަދާފައިވެ އެވެ. ދެބުރި އަށް ހަދާފައިވާ މާސްޓާ ރެޒިޓެންޓުގެ މަތީ ބުރީގައި ތަނަވަސް އޯޕަން ބެޑްރޫމަކާއި ލިވިންގް އޭރިޔާގެ އިތުރުން ބޮޑު މާސްޓާ ބާތުރޫމްއެއް ހިމެނެ އެވެ. އަދި ތިރީ ބުރީގައި ލައިބުރަރީ އަކާއި ޑައިނިން ރޫމަކާއި ސިޓިންރޫމަކާއި ކޮކްޓެއިލް ބާއެއްގެ އިތުރުން ސްޓީމް ޝަވާ ހިމެނޭ ގޮތަށް ޖިމްނޭޒިއަމްއެއް ހަދާފައިވެ އެވެ.

އެތަނުގައި ހަދާފައިވާ ފަސް ވިލާގެ ތެރެއިން ދެތަނުގައި ޕްރައިވެޓް ޕޫލް ހަދާފައިވާ އިރު އަނެއް ތިން ވިލާގައި ހުންނަނީ ޝެއާކުރާ ގޮތަށް ހަދާފައިވާ ބޮޑު އެއްޕޫލެވެ.

ކެއިންބުއިމާއި މަޖާކޮށް އިޖްތިމާއީ އެކިއެކި ކުޅިވަރުތަކަށް ހާއްސަކުރެވިފައިވާ 13000 އަކަ މީޓަރުގެ އައިލެންޑް ރިޓްރީޓަށް ޒިޔާރަތްކުރާ ފަރާތްތަށް ހިތްހަމަ ޖެހޭނޭ ފަދަ ހާއްސަ އެތައް ސިފަތަކެއް އެކުލެވިގެން ވާކަމަށް ފަތުރުވެރިކަމާ ބެހޭ ހަބަރުތައް ގެނެސްދޭ އެކިއެކި މީޑިޔާތަކުގައި ބުނެފައިވެ އެވެ. އަދި ކައިރީގައި އޮންނަ ފަސްތަރީގެ ބޮޑުހިތި ކޮކޯ ރިޒޯޓުގެ އެންމެ ރަނގަޅު ފަސް ރެސްޓޯރެންޓުން އެމީހުންނަށް ޚިދުމަތް ދެވޭނެ ކަމަށްވެ އެވެ.