ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ ހޮސްޕިޓަލުން ދޫކޮށްލައިފި ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ސައުތު އެފްރިކާގެ ރައީސް ޖަކޯބް ޒުމާސްގެ އޮފީހުން މިއަދު ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ މަންޑޭލާ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް މަންޑޭލާގެ ހާލުކޮޅު ރަނގަޅުވަންދެން، ޖެހޮނަސްބާގުގައި ހުންނަ މަންޑޭލާގެ ގޭގައި ފަރުވާ ކުރިއަށް ގެންދަވާނެ ކަމަށެވެ.

މަންޑޭލާ، 94، މީގެ 18 ދުވަސް ކުރިން ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ފުއްޕާމެ އާއި ކުޑަ ގޮހޮރުގެ އާލަސްކަންފުޅެއްގަ އެވެ.

މަންޑޭލާ އަކީ ސައުތު އެފްރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސެވެ. އޭނާ ވަނީ 1994 ވަނަ އަހަރުން ފެށިގެން 1999 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގެ ވެރިކަންކުރައްވައިފަ އެވެ. ސައުތު އެފްރިކާގެ ރައްޔިތުން މަންޑޭލާ އާ ދޭތެރޭ ދެކެނީ އެއީ އެ ގައުމުގެ ބައްޕަ ކަމަށެވެ.

މަންޑޭލާ 2004 ވަނަ އަހަރު ޕަބްލިކް ލައިފުން އެއްފަރާތްވެވަޑައިގަތުމަށް ފަހު އާންމުންނަށް ފެންނަނީ ވަރަށް މަދުންނެވެ. – މައުލޫމާތު: ބީބީސީ