27 Sep 2010, 14:02
މާދަމާ ރޭ ބާއްވާ "މައްކާރު ސަރުކާރު" މުޒާހަރާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ޑީއާރްޕީގެ ދެ ޑިޕިއުޓީ ލީޑަރުން ކަމަށްވާ އުމަރު ނަސީރާއި އިލްހާމް އަހްމަދަށް ނުދޭ ގޮތަށް ޑީއާރްޕީން ނިންމައިފި އެވެ.
ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒް މިއަދު ވިދާޅުވީ، ޑީއާރްޕީ ކައުންސިލުން ފާސްކޮށްގެން އާޓިފިޝަލް ބީޗުގައި މާދަމާ ރޭ 9 ޖަހާއިރު ބާއްވާ މުޒާހަރާގައި ބައިވެރިވެވަޑައިގަތުމަށް އުމަރާއި އިލްހާމަށް ދައުވަތު އަރުވައިފައިވާ ނަމަވެސް، ޕޯޑިއަމްގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު އެ ދެ ބޭފުޅުންނަށް ނުދެއްވާ ގޮތަށް ނިންމާފައި ވަނީ، މުޒާހަރާ އިންތިޒާމްކުރާ، ކައުންސިލްގެ ސަބް ކޮމިޓީން ކަމަށެވެ.
އަދި އެގޮތަށް ނިންމީ، އެ މުޒާހަރާ ލައިވްކުރުމަށް ހަމަޖައްސައިފައި ވާތީ، ވާހަކަ ދައްކަވާ ބޭފުޅުންގެ ލިސްޓު ވީހާ ވެސް ބޮޑަށް ލިމިޓްކުރުމުގެ ބޭނުގައި ކަމަށް ވެސް ނާފިޒް ވިދާޅުވި އެވެ.
"އެހެން ފަހަރުތަކުގައި ވީހާވެސް ގިނަ މެމްބަރުންނަށް ވާހަކަދެއްކެވުމުގެ ފުރުސަތު ދޭ ގޮތަށް އޮންނަނީ. އެކަމަކު މިފަހަރު އަޅުގަނޑުމެން މި ބަލަނީ ޖަލްސާ ލައިވްކުރެވޭތޯ. އެހެންވެ، ވާހަކަދައްކަވާ ބޭފުޅުން ލިމިޓްކުރަނީ މި. ލިމިޓްކުރިއިރު އެގޮތަށް [އުމަރާ އިލްހާމް ނުލައި] ލިސްޓު ނިމިފައި އެއޮތީ" ނާފިޒް ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އިލްހާމް ވިދާޅުވީ، މުޒާހަރާގައި ވާހަކަ ދެއްކެވުމަށް އޭނާ އާއި އުމަރަށް ފުރުސަތު ނުލިބުމުން ހިތާމަކުރައްވާ ކަމަށެވެ. ނަމަވެސް، އެބޭފުޅުން އުޅުއްވަނީ ޑީއާރްޕީ ތެރޭގައި ވަކި ޓީމެއް ހައްދަވައިގެން ނޫން ކަމަށާއި މާދާރޭ އޮންނަ މުޒާހަރާގައި އޭނާއާއި އުމަރު ބައިވެރިވެވަޑައިގަންނަވާނެ ކަން ކަށަވަރުކޮށްދެއްވި އެވެ.
"އަޅުގަނޑުމެން މިއުޅެނީ ވަކި ޓީމެއް ހަދައިގެނެއް ނޫން. ޑީއާރްޕީން ކުރާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން ބައިވެރިވާނަން. މާދަމާރޭ ބާއްވައި މުޒާހަރާ އަކީ ވަރަށް މުހިންމު މަގްސަދެއްގައި ޑީއާރްޕީން އިސްނަގައިގެން ކުރާ ކަމެއް. އެކަމަށް ހަމަ މަރުހަބާ ކިޔަން" ޑީއާރްޕީގެ މުޒާހަރާތަކުގައި އެންމެ އަޑުހަރުކުރައްވައި، ވާހަކަ ދައްކަވާ އިލްހާމް ވިދާޅުވި އެވެ.
"ގަންނާނެއްބާ ސަރުކާރު" ގެ ނަމުގައި މުޒާހަރާ އެއް ބާއްވާން އުމަރާއި އިލްހާމް މަސައްކަތް ކުރައްވަމުން ގެންދަވާތީ، ކައުންސިލްގައި އެ މައްސަލަ ބަލައި، އުމަރާ ދޭތެރޭ ފިޔަވަޅު އެޅުމަށް ޑިސިޕްލިނަރީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
އުމަރާއި އިލްހާމްގެ މުޒާހަރާ ބާއްވަން ފަސް ފަހަރު ހަމަޖައްސައިގެން ވެސް، މޫސުން ގޯސްވެގެން ކޮންމެ ފަހަރަކު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.