27 Dec 2012, 12:10
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށްޓަކައި އުފެއްދި، ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓްގެ ދިރާސާއަކަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމިޓީ އަށް ހާޒިރުކުރުމަށް އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
އެމްޑީޕީ މެޖޯރިޓީ އޮންނަ ގައުމީ ސަލަމާތު ކޮމެޓީން އެގޮތަށް ނިންމީ މިއަދު ކޮމެޓީ އަށް ހާޒިރުވެ ވޯޓްގައި ބައިވެރިވި ހަތަރު މެންބަރުންގެ އިއްތިފާގުންނެވެ. ކޮމެޓީން ނިންމެވި ގޮތުގައި އެ ދެ ބޭފުޅުން ކޮމެޓީ އަށް ހާޒިރު ކުރާނީ އަންނަ ޖެނަރުއަރީ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
ކޮމެޓީގެ މުގައްރިރު ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ކޯނީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އެއްވެސް ހައިސިއްޔަތަކާއި ނުލައި ނާޒިމާއި ރިޔާޒް ވަނީ ވެރިކަން ބަދަލުވި ދުވަހު (ފެބްރުއަރީ 7، 2012) ސިފައިންގެ މައި އިދާރާ، ބަންޑާރަ ކޮއްޓަށް ވަދެވަޑައިގެންފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެ ދެ ބޭފުޅުން ވަދެ، ރައީސް މުހައްމަދު ނަޝީދު ލިޔުއްވެވި އިސްތިއުފާގެ ސިޓީ ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުންގެ ރައީސް އަބްދުﷲ ޝާހިދުގެ ކެކޮޅަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެ ބޭފުޅުން އެކަން ކުރެއްވީ ކީއްވެގެންތޯ އާއި ކޮމެޓީން ބަލަން ޖެހޭ ކަމަށް ރީކޯ މޫސަ ވިދާޅުވި އެވެ.
"ކޯނީގެ ރިޕޯޓް މި ކޮމެޓީން ދިރާސާ ކުރަމުންދާ އިރު އަޅުގަނޑުމެން ބަލަން އެބަޖެހޭ، އެކަންތައްތައް ވެސް. ރިޔާޒާއި ނާޒިމް އެތަންތަނަށް ވަނުމުގެ ހައިސިއްޔަތާއި އެތަނުގައި އޮންނަ ޕްރޮޓޮކޯލްއާ ހިލާފަށް އެބޭފުޅުން އަމަލު ކުރައްވާފައި އެވަނީ. އެހެންވީމާ އެ ބޭފުޅުންގެ ހާޒިރު ކުރަންޖެހޭނެ،" މޫސާ ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓްގެ ދިރާސާ ކުރަމުންދާ ގައުމީ ސަލާމަތު ކޮމެޓީގައި ތިއްބަވާ ކޮމެޓީން ވަނީ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފަ އެވެ. އެ ބޭފުޅުން ވިދާޅުވީ ކޯނި ރީޕޯޓްގައި ބުނާ ކަންތައްތަކަށް ސަރުކާރުން ތަންފީޒުކޮށްފައިނުވާ ކަމަށެވެ. އެގޮތުން ފެބްރުއަރީ 6، 7، 8ގައި ސަލާމަތީ ބާރުތަކުން އާންމުނަށް އަނިޔާކުރި މައްސަލަ ތަހުގީގުކޮށް، ހައްގު ފަރާތްތަކަށް އަދަބު ދީފައި ނުވާ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން ސަލާމަތީ ބާރުތަކުގެ ގާނޫނުތަކާ ހިލާފަށް ހަތިޔާރު ހިފައިގެން ތިބެ، ދައުލަތާ ދެކޮޅަށް "ބަޣާވާތް"ކޮށްފައިވާ ކަމަށެވެ.