މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރު ކަމަށް ހޮއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި 14 ނަންފުޅުގެ ތެރެއިން ކޮމެޓީން 75 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވި ފަސް ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ބަދުރު ނަސީރު އެ ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަންގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރު ކަމުގެ ގޮނޑިއަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ދިރާސާ ކުރީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ. އެ ކޮމެޓީ ނެންގެވި ސަބް ކޮމެޓީއަކުން ވަނީ އެ ބޭފުޅުންގެ ތެރެއިން ހަތް ބޭފުޅުންނާ އިންޓަވިއުކޮށްފަ އެވެ.

އިންޓަވިއު ކުރި ފަރާތްތަކުގެ ތެރެއިން 75 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ އެމަގާމަށް އެންމެ އެކަށީގެންވާ ބޭފުޅުން ކަމަށް ކޮމެޓީން ނިންމެވި އެވެ. އެގޮތުން 75 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވި ފަސް ބޭފުޅުންގެ ތެރެއިން އެންމެ މަތީ މާކްސް ހޯއްދެވީ ހއ. ދިއްދޫ އާލިޔާ، މުހައްމަދު އަސްލަމެވެ. އޭނާ އަށް 86.75 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވި އެވެ. އަދި ދެ ވަނަ އަށް އެންމެ މަތީ މާކްސް ހޯއްދެވީ ކުރީގެ އެމްއެންބީސީގެ ސީއީއޯ އަދި މިހާރު ޓީވީއެމްގެ ޗީފް އޮޕަރޭޓިން އޮފިސަރު މ. ރަތްވިލާ މުހައްމަދު އާސިފް (މޮންދު) އެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 85.13 ޕަސެންޓް މާކްސް އެވެ. ތިން ވަނަ އަށް 78 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވީ މ. ބީޗްހެވަން އަލީ ނަސީހަށެވެ. ގ. ޑޭޒީފެހި މުހައްމަދު ހިލްމީ އަށް ލިބިވަޑައިގެންނެވީ 76 ޕަސެންޓް މާކްސް އެވެ. ފަސް ވަނަ އަށް 75.75 ޕަސެންޓް މާކްސް ލިބިވަޑައިގެން ގދ. ރަތަފަންދޫ ބަހާރީވިލާ މިއުސަމް އައްބާސް އެވެ.

މާކްސް ލިބިވައިގެންނެވި ތަރުތީބުން އެ ބޭފުޅުންގެ ނަން ވޯޓަށް އެހުމަށްޓަކައި އެ ފަސް ބޭފުޅުންގެ ނަން ވަނީ އިއްޔެ މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. އެ ގޮތަށް ނިންމީ ކޮމެޓީ އަށް އިއްޔެ ހާޒިރުވި ހަތް ބޭފުޅުންގެ އިއްތިފާގުންނެވެ.

ބްރޯޑްކާސްޓިން މެންބަރު ކަމަށް ކުރިމަތިލި 14 ބޭފުޅުންގެ ތެރެއިން އިންޓަވިއު ކުރި ހަތް ބޭފުޅުންގެ ތެރެއިން ބާކީތިއްބެވި ހަތް ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ވަނީ އިންޓަވައިއުއަށް ވަޑައިނުގެންފަ އެވެ. އަދި ބައެއް ބޭފުޅުން ރާއްޖެ އިން ބޭރަށް ފުރައިވަޑައިގެންފައިވާ އިރު، އަނެއްބައި ބޭފުޅުން ވަނީ ނަން އަބުރާ ގެންދަވާފަ އެވެ. އަދި އެއް ބޭފުޅަކު ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.

ކޮމެޓީން ފާސް ކުރި ފަސް ނަންފުޅުގެ ތެރެއިން ބްރޯޑްކާސްޓިން މެންބަރު ކަމަށް ބޭފުޅަކު ހޮއްވާނީ މަޖިލީހަށް އެ ބޭފުޅުންގެ ނަންތައް ހުށަހަޅައި ވޯޓް އެހުމުން އެންމެ ގިނަ މާކްސް ލިބޭ ބޭފުޅަކަށެވެ. އެއިން ކޮންމެ ބޭފުޅަކަށް ވޯޓަށް އަހާނީ މާކްސް ލިބުނު ތަރުތީބުން، ވަކިވަކިންނެވެ. އެންމެ މަތިން މާކްސް ލިބުނު ބޭފުޅާ ހޮވުމަށް މަޖިލީހުން ފާސްކޮށްފި ނަމަ ދެން ބާކީ ތިއްބަވާ ބޭފުޅުންގެ ނަމެއް ވޯޓަކަށް ނާހާނެ އެވެ.