27 Dec 2012, 10:16
ކުންފުންޏެއްގެ އޮފީސްތައް ޗެކްކޮށް ބޭނުންވާ މައުލޫމާތުތަކެއް ހޯދީ ޓެކްސް ދެއްކުމަށް އެކަހެރިވުމުގެ ތުހުމަތުގައި ކަމަށާއި އެގޮތަށް ޝައްކުކުރެވޭ ފަރާތްތަކާ ދެކޮޅަށް މީރާ އަށް ގާނޫނުން ލިބިފައިވާ ބާރުތަކުގެ ބޭނުން ކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މީރާ އިން ވަނީ މިދިޔަ އަންގާރަ ދުވަހު، "ޓްރެޝަރީ"ނަމަކަށް ކިޔާ ހޯލްސޭލް ވިޔަފާރި ކުރާ ކުންފުންޏެއްގެ އޮފީސްތަކަށް ވަދެ ބަލައި ފާސްކޮށްފަ އެވެ. މީރާ އިން ބުނީ އެ އޮތޯރިޓީ އަށް ގާނޫނުން ލިބިދޭ ބާރު ކަމަށްވާ ޓެކްސް ޓްރައިބިއުނަލްގެ އަމުރެއްގެ ދަށުން އެ ކުންފުނީގެ އޮފީސްތަކަށް ވަދެ ބަލައި ފާސްކުރަން ޖެހުނީ ޖީއެސްޓީ އަށް ރަޖިސްޓްރީ ކުރަން ޖެހުނު ނަމަވެސް ޖީއެސްޓީ އަށް ރަޖިސްޓްރީ ނުކޮށް އެ ފައިސާ ނުދައްކައި ވާތީ ކަމަށެވެ. އަދި މީރާ އިން އެ ކުންފުނި އޮޑިޓް ކުރަން މަސައްކަތް ކުރި ނަމަވެސް އެކަމަށް އެއްބާރުލުން ދީފައި ނުވާ ކަމަށް ވެސް މީރާ އިން ވަނީ ބުނެފަ އެވެ. އެއީ މީރާ އިން އެގޮތަށް އަމަލުކުރި ފުރަތަމަ ފަހަރެވެ.
މީރާގެ ޑައިރެކްޓާ އޮފް ޓެކްޒޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ ގިނަ ވިޔަފާރިތަކަކީ މީރާ އަށް އެއްބާރުލުން ދޭ ވިޔަފާރިތައް ކަމަށާއި ޓެކްސް ދެއްކުމުގައި މަދުވުމާއި ގިނަ ވުމުގެ މައްސަލަތަކަކީ އާންމުކޮށް ފެންމަތިވާ މައްސަލަތައް ކަމަށެވެ. އެފަދަ މައްސަލަތައް ކުރިމަތިވުމުން މީރާގެ އޮފިޝަލުންނަށް އޮޑިޓް ކުރުމުގެ ފުރުސަތުދޭ ކަމަށާއި އެ ފުރުސަތުދޭ ނަމަ އަމުރެއްގެ ދަށުން ވިޔަފާރިއަށް ވަންނަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް އަދި އެންމެ ތަނަކަށް ވަންނަން މިޖެހުނީ. އެއީ އެއްގޮތަކަށް އެއްބާރުލުން ނުދެއްވުމުން. އެހެން ނޫނީ އެގޮތަކަށް ކަންތަކެއް ނުކުރާނެ. މީގެ ކުރިން ވެސް އެފަދަ މައްސަލަތައް ފެންމަތިވީމާ އަޅުގަނޑުމެންނާއި އެއްބާރުލައިގެން ވިޔަފާރިތަކުން މަސައްކަތްކޮށްފައި ހުރީ. އެއްބާރުލުން ލިބޭ ނަމަ ގާނޫނުގައި ހުރި ބާރުތައް އަޅުގަނޑުމެން ބޭނުމެއް ނުކުރާނަން،" ފަތުހުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެން ވިޔަފާރިވެރިންގެ ހައްގުތައް ހިމާޔަތްކޮށް ޓެކްސް ޕޭޔަރުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރުމަށް މީރާގެ ގާނޫނުގައިވާ ބާރުތައް ބޭނުންކުރަން ޖެހޭ ކަމަށާއި އެފަދަ ކޮންމެ ބާރެއް ބޭނުން ކުރަން ޖެހިއްޖެ ހިދެއްގައި އެ ބާރެއް ބޭނުންކުރާނެ ކަމަށެވެ. އަދި އެއީ ހުރިހާ ޓެކްސް ޕޭޔަރުންގެ ހައްގުގައި ކުރަން ޖެހޭ ކަމެއްކަމަށް ވެސް ވިދާޅުވި އެވެ.
"ބާރު އެބަ ލިބިދޭ ޓެކްސްގެ އިދާރީ ގާނޫނުން ޓްރައިބިއުނަލް އަމުރު ހޯދައިގެން ފިހާރަތައް ބަލައި ބޭނުންވާ ހިސާބުތައް ހޯދުމަށް. ދެން ވެސް ޓެކްސް ދެއްކުމަށް އެކަހެރިވާ ނަމަ އެ ބާރު ބޭނުން ކުރާނަން. އެހެން ތަންތަނާ މެދުވެސް. މި ޓެކްސް ނިޒާމަކީ ހަމަހަމަ ދެ ފުއްފެންނަ ނިޒާމަކަށް ހެދުމަށް އެ ގާނޫނުގައި ހުރި ބާރުތައް އެބަ ޖެހޭ ބޭނުން ކުރަން. ރަނގަޅަށް ޓެކްސް ދައްކަމުންދާ އެއްބާރުލުން ދޭ ފަރާތްތައް އެބަތިބި،" ފަތުހުﷲ ވިދާޅުވި އެވެ.
ޓެކްސް ދެއްކުމަށް އެކަހެރި ވުމާއި ޓެކްސް އަށް އޮޅުވާލުމާއި މަކަރުހެދުމަކީ ޖޫރިމަނާ އާއި ޖަލަށްލުން ފަދަ ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ. އަދި އެކަމަށް ޝައްކުކުރެވޭ ވިޔަފާރިތައް ބަލައި ފާސްކޮށް ބޭނުންވާ މައުލޫމާތުތައް ހޯދުމަކީ ޓެކްސްގެ އިދާރީ ގާނޫނުގެ ދަށުން މީރާ އަށް ލިބިފައިވާ ފުރިހަމަ ބާރެކެވެ.