27 Dec 2012, 09:58
ހިޔުސްޓަން (ޑިސެމްބަރު 27: އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް (ބައްޕަ ބުޝް) ހިޔުސްޓަންގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އެނދުމަތިކޮށްފައިވާ ކަމަށާއި ބުޝްގެ ސިއްޙީ ޙާލުކޮޅު ވަރަށް ބޮޑު ކަމަށް އޭނާގެ ޢާއިލާ އިން ހާމަކޮށްފި އެވެ.
ޢިރާޤުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގެވި ކަމަށް ތުހުމަތު ކުރެވިފައިވާ ޖޯޖް ބުޝްއަކީ އެމެރިކާގެ ކުރީގެ ހަރުކަށި ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ބައްޕަ އެވެ. ޖޯޖް ޑަބްލިޔު ބުޝްއަކީ ޖޯޖް ބުޝް އަށް ވުރެ އަނިޔާވެރި ޢަމަލުތައް ޢިރާޤާއި އަފްޣާނިސްތާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރުކުރުމަށް މަސައްކަތް ކުރެވެމުންދާ ބޭފުޅެކެވެ. ބުޝްގެ ޢާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ޖިމް މެކްގްރާތް ވިދާޅުވީ ޖޯޖް ބުޝް (ބައްޕަ ބުޝް) އަށް ޖެހިފައި ވަނީ ނިއުމޯނިޔާ ކަމަށާއި ބުޝްގެ ހުންގަދަކަމުން އޭނާގެ ޙާލަތު ސީރިޔަސް ކަމުގަ އެވެ.
އުމުރުން 85 އަހަރުގެ ބުޝް މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ވެސް ހިއުސްޓަންގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށް ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ނުކުމެވަޑައިގެންފައިވެ އެވެ. ނަމަވެސް މި މަހުގެ 23 ވަނަ ދުވަހު އޭނާގެ ޙާލުކޮޅު ބޮޑުވުމުން އަނެއްކާ ވެސް ވަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފަ އެވެ.
ފުޅާދާއިރާއެއްގައި އިންސާނީ ހައްޤުތަކަށް އަރައިގެންފައިވާ ކަމުގެ ތުހުމަތު ކުރެވިފައިވާ ބުޝް އަށް ބައިނަލްއަޤްވާމީ ޢަދާލަތުން ފިއްލަވައިގެން އުޅުއްވެނީ އެމެރިކާގެ ދައުލަތުން އޭނާ ޙިމާޔަތް ކުރާތީ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.
ޖޯޖް ބުޝް އެމެރިކާގެ ވެރިކަން ކުރައްވާފައި ވަނީ 1989 އިން 1993 އަށެވެ. ކުވައިތުން ޢިރާޤު ސިފައިން ނެރުމަށް ޢިރާޤާ ދެކޮޅަށް ބުޝް ކުރެއްވި ހަނގުރާމައިގާ ޢިރާޤުގެ ޢާންމުންގެ ގެދޮރަށް ހަމަލާދިނުމާއި ޢިރާޤުގެ ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށް ޙަމަލާދީ އާންމުންގެ އެތައް ހާސް ބަޔަކު މަރާލިކަމުގެ ތުހުމަތު ބުޝްގެ މައްޗަށް ކުރެވިފައިވެ އެވެ. އަދި ޢިރާޤުގެ ދެކުނުގައި އެތައް ހާސް އަންހެނުންނާއި ކުޑަކުދިން ޙިމާޔަތް ހޯދައިގެން ތިބި ހިޔާވައްސަކަށް އެމެރިކާގެ ޢަސްކަރީ މަތިންދާބޯޓުތަކުން ޙަމަލާދީ އެއްފަހަރާ 700 އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން މަރާލި ޖަރީމާ އެމެރިކާ ސިފައިން ހިންގާފައިވަނީ ވެސް ބުޝްގެ ވެރިކަމުގަ އެވެ. (ނޫސްއެޖެންސީތައް)