27 Dec 2012, 09:44
ގަޑިއިރެއްހާ އިރު ތެރޭގައި މާލެ އަށް ވަރަށް ބޯކޮށް ވާރޭ ވެހި ހިނގައި ބިނގާވެ އުޅެންދަތިވާ ވަރަށް މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.
މިއަދު ހެނދުނު 7:45 އެހާކަންހާއިރު ބޯކޮށް ވެހެންފެށި ވާރޭ ތުނިކޮށްލާފައި ވަނީ 9 ޖަހަން ކައިރެވެފައި ވަނިކޮށެވެ. އަދި ބޯކޮށް ވިއްސާރަ ވެހުމުގެ ސަބަބުން މާލޭގެ ގިނަ އަދި ހާއްސަކޮށް ބޮޑެތި ހުރިހާ މަގުތަކެއްގައި ފެންބޮޑުވެ ހިނގައި ބިނގައި އުޅެން ދަތިވާ ވަރުވެފަ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ މާލޭގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް އަދި މިއަދު އެމްއެންޑީއެފް އިން ނުފެށި ނަމަވެސް ތައްޔާރީ ހާލަތުގައި އޮތް ކަމަށާއި މާލޭގައި ފެން ހިއްކަންޖެހިއްޖެ ހާލަތެއްގައި ވީހާ ވެސް އަވަހަކަށް އެކަން ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ހަމަ ތައްޔާރުކޮށް މިތިބީ ފެން ހިއްކަންވެއްޖެޔާ ހަމަ ތައްޔާރުހާލަތުގައި،" މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ މިއަދު ކުރަމުންދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ވެސް މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ އިރު ކަނޑުވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
މިއަދު ހެނދުނު ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެފައިވާ އިރު މާލެ އަށް ކިރިޔާ ވެސް ބޯކޮށްވާރޭވެހިފި ނަމަ ގިނަ މަގުތަކުގައި ހިނގައި ބިނގާވެ އުޅުމަކީ ދަތިކަމެކެވެ. އެގޮތުން ބައެއް މަގުގުތަކުގައި ވަރަށް ބޮޑަށް ފެންހެދެ އެވެ.