އަންކަރާ (ޑިސެމްބަރު 27): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ވެނެޒުއެލާއިން ޙިމާޔަތް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުރުކީ ން ބުނެފި އެވެ.

ތުރުކީއާއި ވެނެޒުއެލާގެ ބައެއް ޑިޕްލޮމޭޓުންނާ ޙަވާލާދީ ތުރުކީގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުން ބައްޝާރާއި އޭނާގެ ޢާއިލާއަށް ޙިމާޔަތް ހޯދުމާބެހޭ ގޮތުން ސޫރިޔާ ސަރުކާރާއި ވެނެޒުއެލާގެ ސަރުކާރާ ދެމެދު ދަނީ މަތީފެންވަރުގެ ވާހަކަތަކެއް ދެކެވެމުންނެވެ. އަންކަރާގައި ތިއްބަވާ ވެނެޒުއެލާގެ ޑިޕްލޮމޭޓުންނާ ޙަވާލާދީ ތުރުކީގެ ތިން ނޫހަކުން ބުނެފައި ވަނީ ވެނެޒުއެލާގެ ޚާރިޖީ ވުޒާރާ އިން މިކަން ކަށަވަރުކޮށްދޭ ކަމަށާ ދާދިފަހުން ސޫރިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ފައިސަލް އަލްމިޤްދާދު ލެޓިން އެމެރިކާގެ ބައެއް ގައުމުތަކަށް ކުރެއްވި ދަތުރުފުޅެއްގައި ވެނެޒުއެލާ އަށް ވަޑައިގެން އެގައުމުގެ އިސްމަސްއޫލުވެރިންނާ ބައްދަލުކުރައްވާފައިވާ ކަމުގަ އެވެ.

މިޤްދާދު ވަނީ މިދަތުރުފުޅުގައި ބައްޝާރުގެ ސިޓީ ފުޅެއް ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒް އަށް އަރުވާފައި ކަމަށް އޭރު މައްލޫމާތު ލިބިފައިވެ އެވެ. ނަމަވެސް ބައްޝާރާއި އޭނާގެ ޢާއިލާ ވެނެޒުއެލާ އިން ޙިމާޔަތް ހޯއްދެވުމަށް މަސައްކަތް ކުރައްވާ ކަމުގެ ޚަބަރު މިޤްދާދު ވަނީ އެދުވަސްވަރު ދޮގުކުރައްވާފަ އެވެ. ވެނެޒުއެލާއަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަށް ތާއީދުކުރާ ދުނިޔޭގެ މަދުގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ އިދިކޮޅު ފަރާތްތައް މިހާރު ވަނީ ސޫރިޔާގެ ބޮޑުބައެއް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ. އަދި ވެރިރަށް ދިމިޝްޤުގެ އެކި ހިސާބުތަކަށް ވެސް އިދިކޮޅު ހަނގުރާމަވެރިންގެ ސީދާ ޙަމަލާތައް އަމާޒުވެ އެވެ. ތުރުކީވިލާތުން ފެތުރި ބައްޝާރު ވެނެޒުއެލާއިން ޙިމާޔަތް ހޯއްދެވުމުގެ މިވާހަކައިގެ ތެދުކަން އަދި ހާމަވެފައެއްނުވެ އެވެ. ތުރުކީވިލާތަކީ ބައްޝާރާބެހޭ ގޮތުން ކުރިން ވެސް މިބާވަތުގެ ވާހަކަތައް ފަތުރާފައިވާ ގައުމެކެވެ. އަނެއްކޮޅުން ސޫރިޔާއިން ބައްޝާރުގެ ވެރިކަން ވެއްޓުނު ނަމަވެސް އެގައުމުގެ އަހްލީ ހަނގުރާމައަށް ނިމުންނާންނާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. ސަބަބަކީ ސޫރިޔާގެ އަހްލީ ހަނގުރާމަ މަޛްހަބީ އަދި ތާއިފީ ތަޅާފޮޅުމަކަށް މިހާރު ބަދަލުވެފައިވާތީ އެވެ. އަދި ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ތެރޭގައި ވެސް ދީނީ ފިކުރާއި ސިޔާސީ ފިކުރާއި މަޛްހަބީ ގޮތުން އިންތިހާއަށް ޚިޔާލު ތަފާތު ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތައް ގިނަވެފައި އެފަރާތްތަކުގެ ވާދަވެރިކަން ވެސް ބޮޑުކަމުންނެވެ. (އަލްޖަޒީރާ)