27 Dec 2012, 09:20
އިންތިހާބެއްގައި ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރުމަކީ ނުވަތަ އެ ފުރުސަތު ލިބިފައި އޮތުމަކީ ޑިމޮކުރަސީގައި މައިގަނޑު އަސާސެއްކަމުގައި ބުނެވިދާނެ އެވެ. އަދި ޑިމޮކުރަސީ އަކީ ކޮން އެއްޗެއްކަން މާ ބޮޑަށް ރޯނުފިލާ މީހާ ވެސް އިންތިހާބެއްގައި އެކަކު ވާދަކުރާ ނަމަ އެއީ ޑިމޮކުރަސީތޯ ސުވާލު އުފައްދުމުގެ ޖާގަ ލިބޭނެ އެވެ.
ޕްރޮގްރޮސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ޑިމޮކްރަސީގެ އުސޫލުން ހިނގާ އަދި ވަކި ބައެއްގެ ނުފޫޒެއް ނެތް ޕާޓީއެއް ކަމަށް އެ ޕާޓީން ގެންދަނީ ބުނަމުންނެވެ. ޕީޕީއެމް އަކީ އަދި ވެސް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އާއިލާ އިން ހިންގާ ޕާޓީއެއް ކަމަށް ބައެއް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކާ ވާހާކަތައް ވެސް އެ ޕާޓީން ދޮގު ކުރެ އެވެ.
ނަމަވެސް ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް އަށް ތައްޔާރުވާ މި ދަނޑިވަޅު ގިނަ ބަޔަކު އަޅައިގަންނަ އެއް މަންޒަރަކީ އެ ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ފިޔަވައި އިތުރު ކެންޑިޑޭޓެއް ކުރިމަތިލައްވާފައި ނުވުމެވެ.
މިއީ އާންމުކޮށް ބައެއް ސިޔާސީ ޕާޓީތަކުގައި ކަން ހިނގާ ގޮތާ ތަފާތު ގޮތެކެވެ. އެއީ ސިޔާސީ ޕާޓީއެއްގެ ރައީސް ކަމަށް މީހަކު އިންތިހާބު ވަނީ އެ ޕާޓީ ތެރޭގެ އެހެން ކެންޑިޑޭޓުންވާދަކޮށް، ވާދަވެރި އިންތިހާބަކުންނެވެ.
މައުމޫނާ ވާދަކޮށްލެވޭ ވަރުގެ ކެންޑިޑޭޓެއް އެ ޕާޓީ ތެރޭގައި ނެތީތޯ ވެސް ސުވާލު އުފެއްދެން އެބަ އޮތެވެ. ނޫނީ ޕާޓީ އޮތީ އަދިވެސް މައުމޫނުގެ މުށުތެރޭގައިތޯ ވެސް ސުވާލު އުފައްދަ އެވެ. އެހެން ނަމަވެސް ޕާޓީގެ ނައިބު ރައީސް ކަމަށް ހަތް މެންބަރުން ކުރިމަތިލާފަވުމުން އެ ޕާޓީ ތެރޭގައި ވެސް ސިޔާސީ ލީޑަރުނަށް ވާން ބޭނުންވާ ބަޔަކު އެބަތިބިކަން ހާމަވެ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފާއިވާ އަހްމަދު ނިހާނު ހަސަން މަނިކު ވިދާޅުވީ އޭނާ ޕާޓީގެ ރައީސް ކަމަށް ވާދަ ނުކުރައްވަނީ އޭނާ އަދި ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވަން ޖެހޭ ކަމަށް އަދި ގަބޫލު ނުކުރެއްވޭތީ ކަމަށާއި ނަމަވެސް ކުރިމަތި ލައްވަން ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ. ނިހާނު ގަބޫލު ކުރައްވަނީ ޕާޓީގެ ރައީސް ކަމާއި ނުވަތަ ރިޔާސަތާއި ހަވާލުވާން ޖެހޭނީ ކަމަށް ގާބިލު އަދި ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ.
"ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވަން ޖެހޭނީ ތަޖުރިބާ އާއި އެކަމުގެ ގާބިލްކަން ހުރި މީހަކު. ދުނިޔޭގައި އެހެން ގައުމުތަކުގައި ވެސް ކަން ހިނގަމުން އަންނަނީ ހަމަ އެމަގުން. ޕާޓީ ތެރޭގައި އަޅުގަނޑަށް ވެސް އަދި އެހެން މީހަކަށް ވެސް ޕާޓީ ރައީސް ކަމަށް ވާދަކުރައްވަން އެއްވެސް ހުރަހެއް ނެތް. އެހެން ނަމަވެސް ހަގީގަތަކީ ސިޔާސީ ގޮތުން މައުމޫނާއި ވާދަކުރެއްވޭ ވަރުގެ އުރަޕެއް ޕާޓީގައި ވެސް އަދި ޕާޓީން ބޭރުގައި ވެސް ނެތުން. އެކަން ގަބޫލުކުރާތީ އެމަނިކުފާނާ ވާދަނުކުރައްވާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގައި ވެސް ހިމެނިވަޑައިގަންނަވާ ނިހާނު ވިދާޅުވި އެވެ.
ނިހާނު ހިޔާލާއި ޕީޕީއެމްގެ އެހެން އިސް ބޭފުޅުންގެ ވާހަކަތައް ވެސް ހުރީ ހަމަ އެބީދައިންނެވެ. އެ ބޭފުޅުން ވިދާޅުވަނީ މައުމޫނާ ވާދަކުރަން އެ ޕާޓީ އަށް ވެސް އެއްވެސް ހުރަހެއް ނޯންނާނެ ކަން ޑީއާރުޕީ ތެރެއިން ވެސް އަދި މިހާރު ވެސް ދައްކާދީފައިވާނެ ކަމަށެވެ.
ނަމަވެސް ޕީޕީއެމާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރާގު ހުރީ އެހެނެއް ނޫނެވެ. އެމީހުން ބުނަނީ ޕާޓީ އަދި ވެސް އޮތީ މައުމޫނުގެ ބާރުގެ ތެރޭގައި ކަމަށެވެ. ޕީޕީއެމް އަކީ ޑީއާރުޕީ ތެރެއިން އުފެދިގެން އައި ޕާޓީ ކަމަށްވާ އިރު ޑީއާރުޕީން ވެސް ދެކެނީ މައުމޫނުއާ ދެކޮޅަށް މީހަކު ނިކުތުމަކީ ނާދިރު ކަމެއް ކަމަށެވެ.
ޑީއާރުޕީގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ އަދި ފިޝަރީޒް މިނިސްޓްރީގެ ނައިބު އަލީ ސޯލިހު ވިދާޅުވީ މައުމޫނާ ވާދަކުރުމުގެ ބާރުވެރިކަން އޮތް އެހެން މީހަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އެ ޕާޓީގައި ހަނިވާނެ ކަމަށެވެ. ޑީއާރުޕީގެ އިސް މެންބަރަކު ވިދާޅުވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން މައުމޫނު މަސައްކަތް ކުރެއްވަން ފެއްޓެވީ ވެސް އެމަނިކުފާނު ބޭނުންވާ ގޮތަށް ކަންތައްތައް ނުވެދާނެ ކަމަށް ހީފުޅުވުން ކަމަށެވެ.
ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމާ އެކު އެމްޑީޕީ ވަނީ އެއީ މައުމޫނުގެ "ތަރިކަ މުދާ" ކަމަށް ބުނެ ބަހުގެ ހަމަލާތައް ދީފަ އެވެ. ނަމަވެސް ޕީޕީއެމް އިން ވަނީ އެ ޕާޓީގެ ކޮންމެ މަގާމަކަށް ވެސް ކެންޑިޑޭޓުނަށް ކުރިމަތިލުމުގެ ފުރުސަތު ދީފަ އެވެ. އެ ފުރުސަތު ބޭނުން މެންބަރުން ނުހިފުމަކީ ޕާޓީ ޑިމޮކްރަޓިކް ނުވުމެކޭ ނުބުނެވޭނެ އެވެ. އެހެން ވާން ޖެހެނީ ޕާޓީގެ މެންބަރުންގެ ގަބޫލުކުރާ ކަންތައްތަކެއް ސަބަބުން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ގަބޫލުކުރެ އެވެ.
"މައުމޫނާ ވާދަކުރުމުގެ ފުރުސަތު ވެސް އެ ޕާޓީން ތެރެއިން އެވަނީ ހުޅުވާލާފައި. މެންބަރުނަށް ހުރަހެއް ނެތް. އެހެން ނަމަވެސް މެންބަރުނަށް އެ ފުރުސަތު ބޭނުން ނުކުރަނީ. އެހެން އެވަނީ އެ ޕާޓީގެ މެންބަރުން މައުމޫނަށާއި އެމަނިކުފާނު އާއިލާ އަށް ކުރާ އިހްތިރާމްގެ ސަބަބުން ކަމަށް ބެލެވެނީ. ނޫނީ ޕާޓީ މެންބަރުން ބޭނުން ނުވަނީ އެމަނިކުފާނާއި ވާދަކުރަން،" އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅު ވަނީ ޕީޕީއެމް ތެރެއިން މައުމޫނާއި ވާދަކުރަން ނުނިކުތުމަކީ މެންބަރުންގެ ވިސްނުމުގެ މައްޗަށް ބިނާވެފައި ކަމެކެވެ.
ޕީޕީއެމްއަކީ ވެސް ޑިމޮކްރަސީގެ ހަމަތަކުން ހިންގާ ޕާޓީއަކަށްވާން މަސައްކަތް ކުރާ ނަމަ އާއިލީ ވަކި މެންބަރުންތަކަކަށް އިސްކަން ލިބޭ ގޮތަށް އަދި އެހެން ބޭފުޅުންގެ ވާދަކުރެއްވުމަކާ ވެސް ނުލައި މަގާމުތައް ލިބޭ ނަމަ އެއީ ވެސް ބަޔަކަށް އެ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއާ ދޭތެރޭ ސުވާލު އުފެއްދުމަށް ޖާގަ ލިބޭނެ ކަމެކެވެ. ނަމަވެސް ސިޔާސީ އެކި ފަރާތްތަކުގެ ވާހަކަތަކަށް ވިސްނާލާ އިރު ބުރަވާން ޖެހެނީ މައުމޫނާއި މައުމޫނުގެ ދަރިކަނބަލުން ޔުމްނާ ވާދަ ކުރަން އިތުރުން ކެންޑިޑޭޓުން ނުނިކުންނަނީ ޕާޓީގެ އަސާސީ ގަވާއިދު ނުވަތަ ޕާޓީން ބޭނުން ނުވެގެން ނޫން ކަމެވެ. އެ ޕާޓީގެ މެންބަރުން ކުރިމަތިލުމަށް ފަސް ޖެހޭތީ ކަމެވެ. މެންބަރުން ވިސްނާ ވިސްނުން ހުރިގޮ ތުންނެވެ. އެ ވިސްނުން ބަދަލުކުރަންޖެހެ އެވެ.