27 Sep 2010, 12:44
ފުވައްމުލަކު ބަނދަރުގެ ނެރު ފައިކަށި މަރާމާތުކުރުމުގެ މަސައްކަތް 8.5 މިލިއަން ރުފިޔާ އަށް އެމްޓީސީސީ މިއަދު ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި މިއަދު މެންދުރު ފަހު ވަނީ ސޮއިކޮށްފަ އެވެ.
އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ފޯ ހައުސިން ޑރ. މުހައްމަދު ޝަރީފެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖަރު އަބްދުﷲ ތަސްލީމެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ޑރ. ޝަރީފް ވިދާޅުވީ އެއްބަސްވުމާއެކު އެމްޓީސީސީން ދެ ހަފުތާގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ފުވައްމުލަކުގެ ބަނދަރުގެ ނެރު ފައިކަށި މިވަގުތު ވަރަށް ބޮޑަށް ހާލާކުވެފައިވާ ކަމަށެވެ.
ނެރު އަލުން ހަދަނީ ރޫޅި ހަލާކުވެގެން ނުދާނެހެން ނެރުގެ ދެފަރާތުގައި ބޮޑު ހިލަ ޖަހައިގެން 30 އަހަރަށް ދެމިގެންދާނެ ގޮތަށް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ޑެންމާކްގެ ހޯގާޑުން ފުވައްމުލަކު ބަނދަރު ހެދީ 9.5 މިލިޔަން ޔޫރޯ ހަރަދުކޮށްގެނެވެ. ބަނދަރު ހަދައި ބޭނުން ކުރަން ފެށީ މީގެ ހަތް އަހަރު ކުރިންނެވެ.