ދެހާސް ބާރަ ވަނަ އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތު ހޮވުމަށް ސަން މީޑިއާ ގުރޫޕުގެ ފަރާތުން މިރޭ ވޯޓަށް ހުޅުވާލައިފި އެވެ. ޢާންމުންގެ ވޯޓަށް ސަންގެ ފަރާތުން މިރޭ ހުޅުވާލީ ހަ ބޭފުޅެއްގެ ނަންފުޅެވެ.

އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތު ހޮވުމަށް ސަންގެ ފަރާތުން މިރޭ ވޯޓަށް ހުޅުވައިލީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސުން ކަމަށްވާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި އަލްފާޟިލް މުހައްމަދު ނަޝީދުގެ އިތުރުން ޖުމުހޫރީ ޕާޓީގެ ލީޑަރު އަލްފާޟިލް ގާސިމް އިބްރާހީމާއި ޑީއާރްޕީގެ ލީޑަރު އަލްފާޟިލް އަހުމަދު ތަސްމީން ޢަލީ އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަލްފާޟިލް ޢަބްދުﷲ ޔާމީންގެ ނަންފުޅެވެ.

ސަންގެ ފަރާތުން މި ނަންތައް ހޮވާފައި ވަނީ މި އަހަރުގެ ތެރޭގައި އެ ބޭފުޅުން މީޑިއާގެ ހެޑްލައިންތަކުން ޖާގަ ހޯއްދަވާފައިވާ މިންވަރާއި ލީޑަރުންގެ ގޮތުގައި ދައްކަވާފައިވާ ޝަޚުސިއްޔަތަށް ބަލައިފަ އެވެ. މީގެ އިތުރުން ގައުމީ ފެންވަރެއްގައި އެ ބޭފުޅުންގެ މަގުބޫލުކަން ފެންނަ މިންވަރަށް ވެސް ނަންތައް ހޮވުމުގައި ބަލައިފައިވެ އެވެ.

އަހަރުގެ ޝަޚުސިއްޔަތު ހޮވުމަށް ސަންގެ ފަރާތުން މި ހުޅުވައިލި ޕޯލުގައި ކޮންމެ ސިމަކުން ވެސް ދެވޭނީ އެންމެ ވޯޓެކެވެ. ވޯޓު ދެވޭނީ ދިރާގު ނަންބަރަކުންނެވެ. ކޮންމެ ބޭފުޅަކަށް ވެސް ވޯޓު ދޭނެ ގޮތް ސަން އޮންލައިންގައި މި ހުޅުވި ޕޯލްގައި ހިމަނާފައިވެ އެވެ. މި ޕޯލުގެ ވޯޓު ކުރިޔަށްދާ އިރު ނަތީޖާ އަބަދުވެސް ޕަސެންޓޭޖުން ސަން އޮންލައިންގައި ފެންނަން ހުންނާނެ އެވެ. ވޯޓު ދިނުމުގެ ސުންގަޑި އަކީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 12:00 އެވެ.