އިޖްތިމާއީ އިގްތިސާދީ އަދި އެހެނިހެން ރޮނގުރޮނގުން ވެސް ޗައިނާއިން ރާއްޖެ އަށް ވެދެމުންދާ އެހީ ތަކުގެ ސަބަބުން ދިވެހިރާއްޖެއިން ޗައިނާ ދެކެނީ އަގު ނުކުރެވޭ ފަދަ ގާތް ރަހުމެއްތެރި އެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރިތާ 40 އަހަރު ފުރުން ފާހަގަކުރަން ޓްރޭޑާސް ހޮޓަލުގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރި ގުޅުން ބިނާވެފައި ވަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމްގެ މައްޗަށް ކަމަށާއި ދެ ގައުމުގެ ވިސްނުމާއި ހިޔާލާއި ފިކުރު ބައިނަލްއަގުވާމީ ތަފާތު މައްސަލަ ތަކުގައި އެއްގޮތް ވުމުން ކަމަށެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާއިންނާއި ރާއްޖެ ތަރައްގީ ކުރުމަށް ހިންގާ ތަފާތު އެކި ޕްރޮޖެކްޓް ތަކުގައި އެންމެ ބޮޑަށް އެހީ ވަމުން އަންނަ އެއް ގައުމު ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޯހިޔާވެހި ކަމުގެ މަޝްރޫއުގައި ޗައިނާއިން ވަމުންދާ އެހީ ވަކިން ހާއްސަ ގޮތެއްގައި ރައީސް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދުގައި ގާއިމް ވެފައި އޮންނަ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހި ވެގެންދާނެ ގުޅުމެއް ކަމަށް ޔަގީން ކުރައްވާ ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ޗައިނާގެ އެހީތެރިކަން ލިބިގެންދާނެ ކަން ޔަގީން ކުރައްވާކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭ ތަރައްގީ ކުރުމުގެ މަޝްރޫއު ތަކުގައި މިހާރަށް ވުރެ ބޮޑަށް ޗައިނާގެ އެހީތެރިކަން ލިބިގެން ދާނެ ކަން ޔަގީން ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ހުރިހައި ކަމެއްގައި ވެސް ޗައިނާ އަށް ފުރިހަމައަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ރަސަމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ ދެގައުމުގެ ދެމެދުގައި ގާއިމް ކުރެވިފައި އޮތް ޒަމާންވީ ރަހުމެއްތެރި ގުޅުމުގެ އަސްލަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރެއްގެ ސަބަބުން ކަމަށާއި އަދި ދެ ގައުމުން ވެސް އެއް ބަޔަކު އަނެއް ބައެއްގެ ހައްގު ތަކާއި އުސޫލް ތަކަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި ވިދާޅުވީ މިއަހަރަކީ ޗައިނާއާއި ރައްޖޭގެ ގުޅުން އެންމެ ވަރުގަދަވި އަހަރު ކަމަށާއި މިއަހަރު ތެރޭގައި ދެ ގައުމުން ވެސް އެކުގައި ވަރަށް ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައިވާކަމަށެވެ. އެކަމަށްޓަކައި ދިވެހި ސަރުކާރަށާއި ރާއްޖޭގެ ރައްޔިތުންނަށް އޭނާ ޝުކުރު އަދާ ކުރެއްވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައިުވާ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް ޔަގީން ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.