26 Dec 2012, 23:03
އަޗޭ (ޑިސެމްބަރު 26) : އިންޑޮނޭޝިޔާގެ ސްމަޓްރާގެ ކަނޑުގެ އައްސޭރި ފަށަށް 2004 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު އާދަޔާ ޚިލާފު ސުނާމީ ބޮޑު ރާޅުގެ ކާރިސާއަށް އަހަރު ފުރުން އެކަމުގެ ގެއްލުންތައް ލިބުނު އޭޝިޔާގެ ގައުމުތަކުގައި މިއަދު ފާހަގަ ކުރަމުން އެބަ އާދެ އެވެ.
ރިކްޓާ މިންގަނޑުން 9.15 ގެ ބާރުމިނުގައި އައި މި ބިންހެލުމާގުޅިގެން އޭޝިޔާގެ ގައުމުތަކަށް އެރި ބާރުގަދަ ސުނާމީ އަކީ ދުނިޔޭގެ ފަހުގެ ތާރީޚުގައި މިހާގިނަ ގައުމުތަކަކަށް އެއްފަހަރާ ކުރިމަތިވި އެންމެ ބޮޑު ގުދްރަތީ ކާރިސާކަމަށް ތަޖްރިބާކާރުން ބުނެ އެވެ. އިންޑޮނީޝިޔާގެ އަޗޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން މިއަދުވަނީ މި ކާރިސާގައި މަރުވި މީހުންގެ ހަނދާންތަކާއި ލިބުނު ގެއްލުންތަކުގެ ހަނދާންތައް އާ ކޮށްފަ އެވެ. ތައިލެންޑާއި ސްރީލަންކާގައިވެސް ރައްޔިތުންގެ ފެންވަރުގަ އާއި ރަސްމީ ފެންވަރުގައި މިއަދުވަނީ މިކާރިސާގެ ހަނދާންތައް އާލާކުރުމުގެ އެއްވުންތައް ބާއްވާފަ އެވެ.
ގާތްގަނޑަކަށް 70 ފޫޓަށްވުރެ އުސްމިނުގައި އިންޑިޔާ ކަނޑުގެ އެންމެ ފުންމިނުން އުފެދިގެން އައި ސުނާމީ ބޮޑު ރާޅުތަކުގެ ސަބަބުން އިންޑޮނޭޝިޔާގެ އިތުރުން ތައިލެންޑް، މެލޭޝިޔާ، ސްރީލަންކާ، އަދި ދިވެހިރާއްޖެއާއި އެފްރިކާގެ ބައެއް ގައުމުތަކުގެ ބޮޑުބައެއް ވަނީ ފަނާވެގެން ގޮސްފަ އެވެ. މިކާރިސާގައި 226 ހާސް މީހަކު މަރުވެ 2.5 މިލިއަން މީހުންގެ ގެދޮރު ގެއްލި ޙާލުގައި ޖެހުނެވެ. މަރުވި މީހުންގެ ތެރޭގައި މިގައުމުތަކުގައި އެވަގުތު ތިބި ބޭރުގެ ފަތުރުވެރިންވެސް ހިމެނެ އެވެ. މިކާރިސާއަށް އަށް ފަހުއެޝިޔާ އާއި އޭޝިޔާ ޕެސިފިކް ސަރަޙައްދުގައިވަނީ ސުނާމީ އިންޒާރުދޭ ވަރަށް ނިޒާމެއް ޤާއިމުކޮށްފަ އެވެ. މިނިޒާމުގެ އެހީގައި އޭޝިޔާއާއި އޭޝިޔާ ޕެސިފިކް ގެ ކަނޑުތަކާ ގުޅިފައިވާ ކޮންމެ ތަނަކަށް ބިންހެލުމެއް އައި ނަމަވެސް އެކަމުގެ މައުލޫމާތު ސަރަޙައްދުގެ ގައުމުތަކުގެ ކަމާބެހޭ އިދާރީ މަރުކަޒުތަކާ ހިއްސާ ކުރެވޭގޮތަށް މިހާރުވަނީ ހަމަޖެހިފަ އެވެ.
މިކާރިސާ އަށް އަށް އަހަރު ފުރުނު އިރުވެސް މިކަމުގެ ސަބަބުން ދިރިއުޅުން ގެއްލިފައިވާ އިންޑޮނީޝިޔާގެ އެތައް ލައްކަ މީހުންގެ ދިރިއުޅުން އަދިވެސްވަނީ ހަމައަކަށް ނޭޅިއެވެ. (ނޫސްއެޖެންސީތައް)