26 Dec 2012, 19:58
އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ކޯޑް (އައިއެސްޕީއެސް)ގެ މިންގަނޑަށް ނުފެތޭ ބަދަރުތަކުން އާގުބޯޓުތަކަށް ހިދުމަތް ދިނުން މަނާކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ސަރުކާރުން އެގޮތަށް ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އާގުބޯޓުފަހަރަށް ހިދުމަތްދޭ ބަނދަރުތައް، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެއްތުމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މެންބަރުން މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އެގޮތުން އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން އައިއެސްޕީއެސް ފެންވަރަށް ނުފެތޭ ބަދަރުތަކުން ބައިނަލް އަގުވާމީ ބޯޓުފަހަރަށް ހިދުމަތް ނުދޭން ވަނީ ނިންމައިފަ އެވެ.
މިނިސްޓަރުން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ހުރި ހުރިހާ ބަނދަރުތަކާއި، އަމިއްލަ ފަރާތްތަކުން ހިންގާ ޕްރައިވެޓް ޕޯޓް ފެސިލިޓީތައް، އައިއެސްޕީއެސް ކޯޑުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުން ނޫނީ، އެފަދަ ޕްރައިވެޓް ޕޯޓް ފެސިލިޓީތަކަށް ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ބޭނުންކުރާ އާގުބޯޓުފަހަރަށް ހިދުމަތް ދިނުމަކީ، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ރަނގަޅު ގޮތެއް ނޫންކަން މެންބަރުން ފާހަގަކުރެއްވި އެވެ.
އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް 74) ގެ ޗެޕްޓަރު 11ގެ ދަށުން އައިއެސްޕީއެސްއަށް އަމަލުކުރުމަކީ ލާޒިމް ކަމެކެވެ.