26 Dec 2012, 18:19
ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އުފެއްދުމަށް ފުލުހުންގެ ގާނޫނުގައި ބުނާ މާއްދާތައް އުވާލައި، އެ ކޮމިޝަނަށް ހަދާ ވަކި ގާނޫނަކުން ޕީއައިސީގެ މެންބަރުން ވަކިކުރެވޭ ގޮތަށް ހުށަހެޅި، ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ބިލު ފާސް ކުރަން ނުފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމައިފި އެވެ.
ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ބިލް ފާސް ކުރަން ނުންފެންނަ ކަމަށް ވޯޓެއް ދެއްވީ ކޮމެޓީ އަށް ހާޒިރުވެ ވޯޓްގައި ބައިވެރިވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމެޓީން އެގޮތަށް ނިންމެވީ ފުލުހުންގެ މުއައްސަސާއާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް އާ މޮޑެލްއަކަށް ޕޮލިސް އިންޓަގްރިޓީގެ ބިލެއް އަލުން ހުށަހެޅުއްވާނެ ކަމަށް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންނެވުމުންނެވެ.
މިހާރު އަމަލު ކުރަމުންދާ ފުލުހުންގެ ގާނޫނު ބުނާ ގޮތުން ޕޮލިސް އިންޓްގްރިޓީ ކޮމިޝަންގެ މެންބަރެއްގެ މަގާމުން ގެއްލޭނީ ގާނޫނުގައި ބުނާ ވަކި ހާލަތްތަކެއް މެދުވެރިވެއްޖެ ނަމަ އެވެ. އެގޮތުން ފުލުހުންގެ ގާނޫނުގެ 32 ވަނަ މާއްދާގައި ބުނަނީ ޝަރުއީ ކުށެއް އިފްލާސް ކުރުމާއި ކޮމިޝަންގެ މެންބަރު ކަމުގެ ޝަރުތު ގެއްލުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަ ޕީއައިސީގެ މެންބަރުކަން ގެއްލޭނެ އެވެ.
ނަމަވެސް އަބްރަހީމް އަބްދުﷲ ހުށަހެޅުއްވި ބިލުގައިވާ ގޮތުން ކޮމިޝަންގެ މެންބަރަކު މަގާމާ އެކަށީގެން ނުވާ ކަމެއްކުރި ކަމަށް، ނުވަތަ މަގާމު އަދާކުރުމަށް އުޒުރުވެރިވާ ހާލަތެއް މެދުވެރިވެއްޖެ ކަމަށް، ނުވަތަ މަގާމު އަދާ ކުރުމުގެ ގާބިލްކަން ނެތްކަން ފެނިއްޖެ ހިނދެއްގައި މަޖިލީހުން އެނާ އެ މަގާމުން ވަކި ކުރެވިދާނެ ކަމަށެވެ. އަދި އެފަދަ މައްސަލަ ބަލަންޖެހޭނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ކަމަށާއި އެ ކޮމެޓީ އަށް ފާސްކޮށްގެން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ތަޅުމަށް ހުށަހަޅައި އެ މެންބަރަކު މާގާމުން ވަކިކުރެވިދާނެ ކަމަށް އެ ބިލުގައި ބުނެ އެވެ.
ފުލުހުންގެ ގާނޫނުގައި ޕޮލިސް އިންޓްގްރިޓީގެ ބާރުތަކާއި އިހްތިޔާރުތައް ބަޔާން ކުރާ 35 ވަރަކަށް މާއްދާ އެކުލެވިގެންވެ އެވެ. ނަމަވެސް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ވަކިން ހާއްސަ ގާނޫނެއް އުފެއްދުމަށް އަބްދުރަހީމް އަބްދުﷲ ހުށަހެޅުއްވި ބިލުގައި ހިމެނެނީ 38 މާއްދާ އެވެ. ފުލުހުންގެ ގާނޫނުގައި ބުނާ މާއްދާތަކާއި އަބްދުﷲ އަބްދުއްރަހީމް ހުށަހެޅުއްވި ބިލުގައިވާ މާއްދާތަކާ މާބޮޑު ތަފާތެއް ނެތެ އެވެ.
އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި "ޕޮލިސް އިންޓަގްރިޓީ ކޮމިޝަން މިނިވަންކަމާ އެކު ހަރަކާތްތެރިވުމަށް ބޭނުންވާ ވަކި ގާނޫނެއް އޮތުމަކީ ކޮންމެހެން ބޭނުންވާތެރި ކަމެއް" ކަމަށެވެ.
ބިލް ހުށަހެޅުއްވި މެންބަރުގެ އެދުމުގެ މަތިން، އެ ބިލް ކޮމެޓީން ފާސް ކުރުމަށް އިއްތިފާގުވެވަޑައިގެންނެވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރާއި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހަސަން އާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.