26 Dec 2012, 17:56
ސުނާމީ ކާރިސާ ހިނގި ދުވަހު ދިވެހި ރައްޔިތުންގެ ކިބައިން ރާއްޖެ ދުވަހަކުވެސް ދެކިފައި ނުވާފަދަ އޯގާތެރިކަމާއި އެހީތެރިކަން ހާމަވެފައިވާތީ ހިތްވަރު އާލާވެގެން ދާކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެއްބައިވަންތަކަމުގެ ދުވަހު ރައީސް މުހަންމަދު ނަޝީދު ނެރުއްވާފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެދުވަހު ރާއްޖެ މިހާތަނަށް ދުވަހަކުވެސް ދެކިފައި ނުވާފަދަ އޯގާތެރިކަމާއި އެހީތެރިކަން ފެނިފައިވުމުން ހިތްވަރު އާލާވެގެން ދަނީ ދިވެހިންގެ ހިތްތަކުގައިވާ ދީލަތިކަމުގެ ބިޔަކަމާއި ބުރަކަމުގެ ހާލަތްތަކާ ކުރިމަތިލުމުގައި އެކަކު އަނެކަކަށް އަދި އެއްރަށުން އަނެއް ރަށަކަށް އެހީތެރިވެ އަޅާލުމުން ކަމަށެވެ. އަދި އެއްބައިވަންތަކަން ބިނާވެފައިވަނީ އިސްލާމްދީނާއި ޝަގާފަތާއި ރައްޔިތު މީހާގެ ފަރުދީ ހައްގުތަކާއި އަދި އިންސާފުވެރި މުޖުތަމައެއް ބިނާކުރުމުގެ އުންމީދުގެ މައްޗަށް ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
"މީގެ އަށް އަހަރު ކުރީން މެދުވެރިކުރުވި ހިތާމަވެރި ސުނާމީގައި، ފުރާނަ ގެއްލި ދިޔަ ދިވެހި ރައްޔިތުންގެ ހަނދާންތައް ހިތަށް ގެނައުމުގައި ދިވެހި ލޮބުވެތި ރައްޔިތުންނާ މިއަދު އަޅުގަނޑު ބައިވެރިވަމެވެ. ދިވެހިންނާއި އަވަށްޓެރިން ދަތިޙާލުގައި ޖެހި ދިރިއުޅުން މުޅީންހެން ރޫޅި ނެތިދިއުމާ، ގުނާ އަދަދުކޮށް އަގުނުކުރެވޭނެފަދަ ގެއްލުމާއި ހަލާކު ވަނީ އަޅުގަނޑުމެންގެ ހިތްތަކަށް ނުގެނެވޭފަދަ ބިރުވެރި އެ ކާރިސާގައި މެދުވެރިވެފަ އެވެ. އެ ހަނދާންތަކަކީ އަބަދުމެ އަޅުގަނޑުމެން އާލާކުރުން ހައްގު ކަންކަމަށް ވާތީ، ފުރާނަ ނެތިދިއުމާއި ދަތި ޙާލަތުތައް މެދުވެރިވެ، އަދި އެހާލަތްތަކުގެ ބިކަ ފިލާތޯ މިއަދުވެސް ހިންމަތްކުރަމުންދާ ދިވެހި ހުރިހާ ޢާއިލާ އަކަށް އަޅުގަނޑުގެ ހެޔޮ ދުޢާތައް އަރިސްކުރަމެވެ،" އެބަޔާނުގައި ބުނެފައިވެ އެވެ.
އެ ދުވަހު ބަލައިނަލްއަޤްވާމީ ގައުމުތަކުން ކުރިއަށް ނެރުނު އިންސާނީ އެހީތެރިކަމުން ހާމަވެގެންދަނީ ގައުމުތަކުގެ ގުޅުންތަކާއެކު ދުނިޔޭގެ އެއްބަޔަކު އަނެއްބަޔަކާގުޅި ލާމެހިފައިވާ މިންވަރުކަމަށެވެ. އަދި ފިތުނަވެރި ގައުމީ އެކުލަވާލުން ތަކާ ބޭރުމީހުންނާއި ބޭރުގެ މަންފާއާ މެދު ނަފްރަތާއި ދެކޮޅުވެރިކަން އުފެއްދުމާ ހިލާފަށް އެއް ބަޔަކު އަނެއްބަޔަކުގެ ދެމެދުގައިވާ ގުޅުންތަކަށް ކާމިޔާބު ގެނެސް އެއްބައިވަންތަކަމާ އެކު ބައިވެރިވުމަށް ގޮވާލާފައިވެ އެވެ.