26 Dec 2012, 17:53
ލ. އަތޮޅަށް ހުޅުވާލައިގެން އަންހެންނުންގެ ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް ސޮކާ އެކަޑަމީ އޮފް ލ. ކުނަހަންދޫގެ އިސް އޮފިޝަލް އަދި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ލިރުޣާމް ސައީދު (ލަރޭ) ބުނެފި އެވެ.
ސަން އެފްއެމް އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމުގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަމުން ލަރޭ ބުނީ، ލ. އަތޮޅުގައި ފުޓްބޯޅަ ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ކުރިމަގުގައި ލ. އަތޮޅުން މޮޅެތި ފުޓްބޯޅަ ކުޅުންތެރިން އުފެދި، ރާއްޖެ އަށް ރީތި ނަން ހޯދާދޭނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށެވެ. އަދި މިހާރު ވެސް މާލޭގައި ބާއްވަމުން އަންނަ އަންހެން ޗެމްޕިއަންޝިޕްގައި ލ. އަތޮޅަށް ނިސްބަތްވާ ޓީމެއް ކުޅެމުން އަންނަ ކަމަކީ އެކަމުގެ އަލިގަދަ ހެއްކެއް ކަމަށާއި އެ ޓީމުން މުބާރާތުގައި ދައްކާ ކުޅުމާ މެދު، މުޅި ލ. އަތޮޅު ފަހުރުވެރިވާ ކަމަށް ވެސް ލަރޭ ބުންޏެވެ.
"މުބާރާތް ބާއްވާނެ ތާރީހު ވަރަށް އަވަހަށް އިއުލާން ކުރާނަން. މިއީ މިހާތަނަށް ލ. އަތޮޅުގައި އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ ބުމާރާތް. އަޅުގަނޑު ވަރަށް ފަހުރުވެރިކަމާ އެކު ދަންނަވެން ކެރޭނެ މިހާރު ވެސް ލ. އަތޮޅަށް ނިސްބަތްވާ ރަށެއްގެ ޓީމެއް މާލޭގައި ބާއްވަމުން އަންނަ އަހެނުން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާކަން. އެ މުބާރާތުގައި ޓީމް ދައްކާ ކުޅުމާމެދު ވަރަށް ހިތް ހަމަޖެހޭ،" ލަރޭ ބުންޏެވެ.
އެފްއޭއެމް އިން އިންތިޒާމްކޮށްގެން މުޅިން އަލަށް ރާއްޖޭގައި ބާއްވާ އަންހެނުންގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ލ. އަތޮޅަށް ނިސްބަތްވާ، ލ. ގަމު ތުނޑީ އަވަށުގެ ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ލ. ސްޓާ) ޓީމް މިހާރު ވެސް ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
ލަރޭ ބުނީ، ލ. އަތޮޅުގައި ބާއްވަން ނިންމާފައިވާ އަންހެން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެ އަތޮޅުގެ ހުރިހާ ރަށަކަށް ދައުވަތު ދޭން ނިންމާފައި ވާނެ ކަމަށެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް 15000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް 3500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރާއްޖޭގެ ކުރީގެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލަރޭ ބުންޏެވެ.