26 Dec 2012, 17:37
ސްޕެއިންގެ ގައުމީޓީމަށް ޔޫރޯ 2008 އަދި 2010 ވަނަ އަހަރުގެ ދުނިޔޭގެ ތަށި ހޯދައި ދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ޑޭވިޑް ވިޔާ ސަންޗޭޒް، 31، އިނގިރޭސީ ޕްރިމިއާ ލީގުގެ ޗެލްސީ އަށް ގެންނަން އުޅޭ ކަމަށް އަޑުތައް ފެތުރެން ފަށައިފި އެވެ.
ސްޕެނިޝް ލީގުގެ ބާސެލޯނާގެ ސްޓްރައިކިން ފޯސްގައި ވެސް މުހިއްމު ދައުރެއް އަދާކުރި ވިޔާގެ ފަޔަށް ނިމިދިޔަ ސީޒަންގައި ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކަކު ހުރުމަށް ފަހު އެނބުރި އައުމުން އޭނާ އަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބިފައި ވަނީ މަދު ފަހަރަކު އެވެ.
މީޑިޔާގައި އަޑުފެތުރިފައިވާ ގޮތުގައި ޗެލްސީގެ ވަގުތީ ކޯޗް ރަފައެލް ބެނިޓޭޒް ވަނީ 50 މިލިޔަން ޕައުންޑުގެ ޓޮރޭސް އަށް އެހީތެރިވުމަށް 12 މިލިޔަން ޕައުންޑުގެ އަގަކަށް ވިޔާ ގެނައުމަށް މަސައްކަތް ފަށައިފަ އެވެ.
އަނެއްކޮޅުން ޗެލްސީގެ ހުރިހާ ދިމާލަކުން ލޯބި ހޯދާފައިވާ އެ ޓީމުގެ ދުވަސްވީ ޝަހުސިއްޔަތު ފުރެންކް ލަމްޕާޑު 34، އަށް ޖެނުއަރީ ޓްރާންސްފާގައި އޭނާ ދޫކޮށްލާނެ ކަމަށް ޗެލްސީ އިން މިހާރު ވަނީ އަންގައިފަ އެވެ.
ޗެލްސީގެ އެތެރޭގެ ސޯސްއަކާ ހަވާލާދީ 'ދަ ސަން"ގައި ބުނެފައި ވަނީ "ލަމްޕާޑު ހުރީ މުޅިން މާޔޫސްވެފައި" ކަމަށެވެ.
"ލަމްޕާޑު ބޭނުންވީ އަދި ވެސް ޗެލްސީ އަށް ކުޅެން. އޭނާގެ ފުޓްބޯޅަ ކެރިއަރު ޗެލްސީގައި ނިމުމަކަށް ގެނައުމަށް. އޭނާގެ ހުރިހާ ވެސް އެއްޗަކީ ޗެލްސީ. އެކަމަކު ޓީމުން އޭނާ ކައިރީ ބުނީ ޖެނުއަރީ ޓްރާންސްފާގައި އެހެން ޓީމެއް ހޯދަށް،" ކަމަށެވެ.
ވެސްޓްހެމް ޔުނައިޓެޑުން 2001 ވަނަ އަހަރު ޗެލްސީއާ ގުޅުނު ފަހުން އޭނާ ވަނީ އެ ޓީމަށް ޕްރިމިއާ ލީގު ތިން ފަހަރު، އެފްއޭ ކަޕް ހަތަރު ފަހަރު، ލީގު ކަޕް ދެ ފަހަރު، އަދި އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ހޯދުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ލަމްޕާޑު ޗެލްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ކުރިއަށް އޮތް ސަމާގައި ހަމަވާއިރު ޗެލްސީއާ އެކު ކޮންޓްރެކްޓް އާކުރުމަށް ލަމްޕާޑް އިންތިހާއަށް ބޭނުންވެ އެވެ. އަދި ޗެލްސީގެ ލޯޔަލް ފޭނުން ވެސް ބުނަމުންދަނީ ޓީމުގެ އެފަދަ ވަރުގަދަ ޝަހުސިއްޔަތެއް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
ޑޭވިޑް ވިޔާ ހޯދުމަށް ޗެލްސީގެ އިތުރުން އާސެނަލް އާއި ލިވަޕޫލުން ކަޅިއަޅަމުންދާ އިރު ބާސާގެ ސްޕޯޓިން ޑައިރެކްޓަރު އެންޑޯނީ ޒުބިރެޓާ ބުނެފައި ވަނީ "ޖެނުއަރީ ޓްރާންސްފާގައި އަހަރެމެން ވިޔާ ދޫކޮށެއް ނުލާނަން" ކަމަށެވެ.
ހަމަ އެހެންމެ ލަމްޕާޑުގެ ހިދުމަތް ހޯދުމަށް އިނގިރޭސި ލީގުގެ އެތައް ކުލަބަކުން ތިބީ ކެތްމަދުވެފަ އެވެ.
ސުވާލަކީ ޗެލްސީ އިން ޓީމުގެ މުސްތަގުބަލު ރަނގަޅު ކުރުމަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބޭނުމުގައި އޭޝްލީ ކޯލް، ލަމްޕާޑް ފަދަ ކުޅުންތެރިންނަށް "ބޭރަށް ނިކުންނަ ދޮރު" ދައްކާ އިރު 12 މިލިޔަން ޕައުންޑަށް ޑޭވިޑް ވިޔާ ފަދަ ތިރީހުން މައްޗަށް ގޮސްފައިވާ ކުޅުންތެރިޔަކު ހޯދުން ހަމަ ބުއްދި ވެރި ބާވަ އެވެ؟