26 Dec 2012, 17:20
ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގައި ގެދޮރު ގެއްލި ހާލުގައި ޖެހުނު އެތައް ސަތޭކަ އާއިލާ އަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށް ނުދެވި އަށް އަހަރު ފާއިތުވެފައި ވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހިންގެ އެއްބައިބަންތަ ކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ސުނާމީ އަށް ފަހު އަށް އަހަރުގެ ތެރޭގައި ތިން ސަރުކާރެއް ވެރިކަމަށް އައިސްފައިވާ ކަމަށާއި ނަމަވެސް ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ކޮށްދެވިފައި ނުވާ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ އެކަން ހައްލު ކުރަން މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން މ. ކޮޅުފުށީގައި ހަދާ 167 ގެއެއްގެ މަސައްކަތް މިހާރު ނިމުމަކަށް އައިސްފާވާ ކަމަށެވެ. އަދި އެ ގެތަކުގެ ތެރެއިން ހަވާލުނުކޮށް ހުރި ގެތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފަތާގެ ތެރޭގައި ނިންމައި ހަވާލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގެތައް ހަވާލުކުރި ނަމަވެސް އެ ގެތަކަށް ދާއިމީ ކަރަންޓް ގުޅައި ދެވޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ.
"ސުނާމީ އަށް ފަހު ތިން ސަރުކާރެއް ވެރިކަމަށް އަތުވެއްޖެ. އެކަމަކު ސުނާމީ އަށް އަށް އަހަރު ފުރުނު އިރު ވެސް ދާއިމީ ބޯހިޔާވަހިކަން ނުދެވޭ އެތައް ސަތޭކަ އާއިލާއެއް ވަރަށް ދަތި ހާލުގައި އެބަ ދިރިއުޅޭ. އެކަމަކީ ލަދު ގަންނަން ޖެހޭނެ ކަމެއް. އަޅުގަނޑުމެން އެބަ ވަރަށް މަސައްކަތްކުރަން ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކޮޅުފުށީގައި ހަދާ ގެތައް ނިންމައި ހަވާލު ކުރަން. ނަމަވެސް ދާއިމީ ކަރަންޓް ލައި ދެވޭނީ އަންނަ އަހަރުގެ މެދުތެރޭގައި. އެ ރަށު ބަނދަރުގެ މަސައްކަތް ވެސް ފެށޭ އަހަރު ތެރޭ ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ސުނާމީ ކާރިސާގައި ތ. މަޑިފުށިން ގެދޮރު ހަލާކުވި ފަރާތްތަކުގެ ތެރެއިން 78 އާއިލާއަކަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ދާއިމީ ބޯހިޔާ ވަހިކަން ފޯރު ކޮށްދީފައިވާ އިރު އިތުރު 42 ގެއެއްގެ މަސައްކަތްކަތް ހުއްޓާނުލާ ކުރިއަށް ގެންގޮސް އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމައި ހަވާލު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރ. ދުވާފަރަށް ބަދަލުކުރި އެ އަތޮޅު ކަނދޮޅުދޫ މީހުންގެ ހާލަތަށް ބައްލަވާ ލައްވަމުން ވިދާޅުވީ އެކި ސަބަބުތަކާއި ގުޅިގެން ދާއިމީ ހިޔާވަހިކަން ފޯރުކޮށް ނުދެވޭ 78 އާއިލާއެއް މިއަދާ ހަމައަށް ވެސް އެ ރަށުގައި ދިރިއުޅޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ އާއިލާތަކަށް ބޭނުންވާ 78 ގެ އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފަށައި އަންނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭ މުޅިން ނިންމާލެވޭނެ ކަމަށެވެ. ތ. ވިލުފުށީގައި ވެސް އިތުރު ފަސް ގެއެއް އަދި ވެސް އިމާރާތް ކުރަން ޖެހޭ ކަމަށް ވިދާޅުވެ އެ ގެތަކުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި ފައްޓާނެ ކަމަށް ވިދާޅުވި އެވެ. މަގުތައް ހަލާކުވެފައިވާތީ އެ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ސަރުކާރުން ހަނދާނީ ފިލާ ދިނުން މިއަދުގެ ޖަލްސާގައި އޮތެވެ. އަދި ކާރިސާއަކުން ލިބިދާނޭ ގެއްލުން ކުޑަކުރުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ ފޮތެއް ނެރުން ވެސް މިއަދު އެތެވެ. ފިލާ ހަވާލުކޮށްދެއްވައި ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.