26 Dec 2012, 15:52
-- އަހުމަދު ނާއިފް އަދި ޝަހުބާން ފަހުމީ --
ދިވެހި ސަރުކާރުން ނެކްސްބިޒާ އެކު ހަދާފައިވާ ބޯޑާ ކޮންޓްރޯލްގެ އެއްބަސްވުން އުވާލުމުގައި ވަރަށް ވަރުގަދަ ގާނޫނީ ހުއްޖަތްތަކެއް ދައުލަތުގައި އެބަހުރި ކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިޔާގެ ނެކްސް ބިޒާ އެކު ސަރުކާރުން 2010 ވަނަ އަހަރުގެ ތެރޭގައިވެފައިވާ އެއްބަސްވުން އުވާލުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމުމާއި ސަރުކާރުންވެސް އެ ނިންމުމަށް އަމަލުކުރަން ނިންމުމާ ގުޅިގެން "ސަން އޮންލައިން"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ބަންޑާރަ ނައިބު އާޒިމާ ވިދާޅުވީ އެގްރިމަންޓްގެ މަސައްކަތް އިމިގުރޭޝަނުން ފަށާފައިވަނީ އޭސީސީން އެކަން ނުކުރުމަށް އަންގާފައި ވަނިކޮށް ކަމަށާއި އޭސީސީގެ ނިންމުމަށް ސަރުކާރުން ތަބާވާން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުގެ އެއްބާރުންވެސް އެއްބަސްވުން އުވާލުމަށް ނިންމާފައިވާއިރު އެއީވެސް ގާނޫނީ ގޮތުން ވަރުގަދަ ޕޮއިންޓެއް ކަމަށެވެ.
"މިކޭސް ސްޓްރޯކް ވާނޭ މި ބުނަނީ އޭރު އޭސީސީން ކޮންޓްރެކްޓް ނުކުރަން އެންގި އެންގުމުގެ މައްޗަށްވެސް ޓާމިނޭޓް ކުރަން ޖެހޭނެކަމަށް އަޅުގަނޑުގެ އޮޕީނިއަން އަކީ މިހާރު މިއޮތީ މަޖިލީހުގެ މުޅި ފްލޯގެ އިއްތިފާގުން ނިންމާފައި. އެހެންވެއްޖިއްޔާ މުޅި ދައުލަތުގެ އެއްބާރުންވެސް މި އޮތީ އެކަން ނިންމާފައި. އެހެންވީމައި މިކަން ވީކެއް ނުވާނެ، ވީކް ވެގެން ނުވެސްވާނެ،" އާޒިމާ ވިދާޅުވި އެވެ. "އޭސީސީން ވަކިގޮތެއް އަންގައިފިނަމަ އަމިއްލަ އަށް ކޯޓަށް ގޮސް އެކަން އެއީ ގާނޫނާ ހިލާފު އެންގުމެއް ކަމަށް ކަނޑަނާޅަންޏާ އެއަށް އަމަލުކުރަން ޖެހޭނޭ ސަރުކާރުން ވަކާލާތުކުރަމުން މިދަނީ. އެއީ ދައުލަތުން ބާރުތަކެއް އޭޭސީސީއަށް ދީފައިވާއިރު އެފަރާތުން އެއަށް ތަބާވާންޖެހޭނެ. އެއީ ކޯޓުން އެހެން ގޮތަކަށް ނުނިންމަންޏާ. އެގޮތަށް އަޅުގަނޑުމެން މިދެކެނީ،"
ނެކްސްބިޒްގެ އެގްރިމަންޓަކީ ސިންގަޕޫރުގެ ގާނޫނު ހިނގާ އެގްރިމަންޓެއްކަން ފާހަގަ ކުރައްވާ އާޒިމާ ވިދާޅުވީ އެގްރިމަންޓެއް އުވާލުމުގައި ދައުލަތުގެ ބޮޑަތި ޒިންމާތަކެއް ހުންނާނެ ކަމަށާއި ސަރުކާރުގެ ނިންމުމާ ގުޅިގެން ސިންގަޕޫރުގެ ގާނޫނުގެ ދަށުން ދައުލަތަށް އެންމެ ގެއްލުން ކުޑަގޮތަކަށް އެގްރިމަންޓް ބާތިލް ކުރަން މިހާރު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން ސިންގަޕޫރު ލޯޔަރުންގެ ލަފާއެކަމަށް ހޯދަން ޖެހޭތީ އެކަމުގައި ހިނގާނެ ހަރަދުތައް ސާފުކުރަން ފިނޭންސަށް މިއަދު ސިޓީ ފޮނުވާފައިވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެގްރިމަންޓް އުވާލުމުގެ ގާނޫނީ ދިރާސާއެއް މިހާތަނަށް ހެދިފައި ނުވާ ކަމަށާއި އެ ދިރާސާ ނުހެދި ލަސްވީ އެގްރިމަންޓް ބާތިލް ކުރަން ސަރުކާރުން މިހާތަނަށް ގޮތެއް ނިންމާފައި ނުވާތީ ކަމަށެވެ.
"މީގަވެސް އޮތީ ސިންގަޕޫރުގެ އާބިޓްރޭޝަން ކަމަށް ވުމުން، މީގައިވެސް ގިނަ ލޯޔަރުންގެ ލަފާ ބޭނުންވާނެ. މިއީ ވޮއިޑް އެބް އިނީޝިއޯތޯ ނޫނީ ދެންވެސް ހުރި ގްރައުންޑްތައް ރަނގަޅަށް ބަލައި ދިރާސާކުރާނަން. އަޅުގަނޑުމެން ހަމަގައިމުވެސް ކޮންޓްރެކްޓް ބާތިލް ކުރާނަން ސަރުކާރުން ނިންމާފައި އޮތްގޮތަށް. ނަމަވެސް މީގައި ސަރުކާރުގެ ޒިންމާތަކެއް އޮތީމައި އެކަންތައްތަކަށް ރަނގަޅަށް ބަލަންޖެހޭ ދިރާސާ ކުރަން ޖެހޭ. އެއަށް ފަހު ހޯމް މިނިސްޓްރީއަށް ސަރުކާރުގެ ލަފާ ދޭނީ،" އާޒިމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނެކްސްބިޒް ކޮންޓްރެކްޓަކީ މާކުރިންވެސް އުވާލަން ޖެހޭ އެގްރިމަންޓެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެއީ އޭސީސީގެ ނިންމުމެއް އެކަމުގައި އޮތުމުން ކަމަށެވެ. އަދި ވިދާޅުވީ ކޯޓު މަރުހަލާއަކީ އެއްވެސް ކަމެއްގައި ފަސޭހަ މަރުހަލާއެއް ނޫން ކަމަށާއި ދެ ފަރާތުގެ ދެމެދުގައިވާ އެގްރިމަންޓެއްގެ މައްސަލަތައް ހައްލުކުރުމަކީވެސް ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.
ނެކްސްބިޒްގެ މައްސަލައިގައި އޭޖީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުއްވި ސިޓީގައި ނެކްސް ބިޒް އެގްރިމަންޓްގައިވާ މާއްދާތަކާއި ގުޅޭ ގޮތުން ވިދާޅުވެފައިވަނީ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ނުވަތަ ބާތިލް ކުރުމުގެ ނަތީޖާ ބިނާވެގެން ވަނީ އެކަންކުރާ ސަބަބު ނުވަތަ ގްރައުންޑެއްގެ މައްޗަށް ކަމަށާއި އެއްބަސްވުން ބާތިލު ކުރެވޭ ގޮތުގެ ސައްހަކަން ފަދަ ކަންކަމާއި އެކަމުގެ ނަތީޖާ ކަނޑައަޅާނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ސިންގަޕޫރުގެ ގާނޫނުގެ ދަށުން އާބިޓްރޭޝަނުން ނުވަތަ ސިންގަޕޫރުގެ ކޯޓަކުން ކަމަށެވެ.