ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި "ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު"ގައި ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރާ ބައްދަލު ކުރައްވައިފި އެވެ.

ބަންޑާރަ ނައިބާ ބައްދަލު ކުރެއްވުމަށް ފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މީޑިއާ ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލް ވިދާޅުވީ އެކްރެޑިޓް ކުރާ ނޫސްވެރިންނަށް މުޒާހަރާގައި ބައިވެރިވެވޭ ގޮތަށް އެ ބިލްގައި ކަނޑައަޅާފައިވާ އިރު، އެކްރެޑިޓް ކުރުމުގެ ބާރު ކަމާ ނުގުޅޭ މުއައްސަސާއަކަށް ދީފައިވާ ކަމަށެވެ. އަދި އެކަމަކީ އެކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށްވާތީ އެކަން ބަންޑާރަ ނައިބާ ހިއްސާކޮށް އެކަމަށް ހައްލު ހޯދޭނެ ގޮތަކާ މެދު މަޝްވަރާކޮށްފައިވާ ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ބޮޑަށް ކަންބޮޑުވީ މީޑިއާ ކައުންސިލްގެ ގާނޫނުގައި މީޑިއާ ކައުންސިލަށް ލިބިދީފައިވާ ބާރުތަކާ ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއް މި ބިލް ފާސްވެގެން ދިޔައިރު އެހެން މުއައްސަސާއަކަށް އެކަން މަތިކޮށްފައި އޮތީމާ. ކައުންސިލްގެ ގާނޫނުން އަޅުގަނޑުމެންނަށް ލާޒިމް އެބަކުރޭ މި ކައުންސިލްގެ މަސައްކަތްތަކަށް ނުވަތަ މީޑިއާގެ މިނިވަންކަމަށް ހުރަަސް އެޅޭގޮތަށް ގާނޫނީ ގޮތުން ވިޔަސް ސިޔާސީ ގޮތުން ވިޔަސް ވޔަފާރީގެ ގޮތުން ވިޔަސް އިގްތިސޯދީ ގޮތުން ވިޔަސް އެޅޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެކަންކަން ދިރާސާކޮށް އެކަންކަން އެގޮތަށް ހުރިކަމަށް ވަންޏާ ނައްތާލަން މަސައްކަތް ކުރުން،" ޚަލީލް ވިދާޅުވި އެވެ.

ބަންޑާރަ ނައިބް އާޒިމާ ވިދާޅުވީ މީޑިއާ ކައުންސިލުން ކަންބޮޑުވާ މައިގަނޑު ތިން ކަމެއް އެކަމަނާއާ ހިއްސާ ކުރެއްވި ކަމަށާއި އޭގެތެރެއިން މިހާރުން މިހާރަށް ހައްލު ކުރެެވުން ހުރި ކަންތައްތައް ހައްލުކޮށް ދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މީޑިއާ ކައުންސިލުން ފާހަގަކޮށްފައިވާ، ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ބާރު ބްރޯޑްކާސްޓިން ކޮމިޝަނަށް ދީފައި އޮތް އޮތުން ހައްލު ކުރުމަށް ބިލް ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވަން ބަލާ އިރު، މަޖިލީހުގެ ވަގުތައް އޮންނަ ގޮތަށް ބަލާ އިރު އެއީ އެކަން ހައްލު ކުރެވިދާނެ ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ބިލް ތަސްދީގުވެ ގާނޫނަކަށް ވުމުން ނޫސްވެރިން އެކްރެޑިޓްކުރުމުގެ ބާރު މީޑިއާ ކައުންސިލަށް ލިބިދޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

"ފުރަތަމަ މައްސަލައަކަށް ނަންގަވާފަ މިއޮތް ނުކުތާ އަކީ ބްރޯޑްކާސްޓިން ކޮމިޝަނަށް މީޑިއާ ކައުންސިލްގެ ބާރެއް ހަވާލު ކުރެވިފައި އޮތް އޮތުން. މި މައްސަލައިގައި މިހާރު އޮންނާނީ ދެ ޗޮއިސްއެއް. އެއީ ތަސްދީގު ކުރުމުގެ ކުރިން މި މައްސަލަ ހައްލު ކުރުން. އެއީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ވަގުތަށް ބަލާއިރުގައި ކޮންމެހެން ކުރެވިދާނެ ކަމެއްކަމަށް ނުފެނޭ. ކުރެވިދާނެ ކަމެއް، ތަސްދީގު ކުރެއްވުމަށް ފަހު ގާނޫނަށް އިސްލާހެއް ގެނައުން. ތަސްދީގު ކުރުމާ ނުކުރުމުގެ ޑިޒިޝަން މިނަގަނީ މުޅި ގާނޫނުގެ ތަރަހައައް ބަލާފައި. ތަސްދީގު ކުރީމަ އެ ގާނޫނަކުން ވާނީ ގެއްލުންތޯ ފައިދާ ތޯ ބެލުމަށް ފަހު. މިގާނޫނަކީ އެހެން ކަމެއް ރެގިއުލޭޓް ކުރާ ގާނޫނެއް. މިގާނޫނުގައި އޮތް މަފްހޫމެއް މި އަންނަނީ ތައާރަޒު ވެގެން މިބޭފުޅުންގެ ޒިންމާތަކާ،" އާޒިމާ ވިދާޅުވި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މީޑިއާ ކައުންސިލްގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވީ ނޫސްވެރިން އެކްރެޑިޓް ކުރުމަށް އޮތް އެންމެ ރަނގަޅު މެކޭނިޒަމަކީ މީޑިއާ ކައުންސިލް ކަމަށެވެ. އަދި ވިދާޅުވީ އެއްވުމެއް ލައިވް ކުރަންވާނީ އެއްވުން ފެށޭތާ އެއްމިނެޓް ފަހުން ކަމަށް އެ ބިލްގައި ހިމަނާފައި އޮތްތުމަކީ ވެސް އެ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ނޫސްވެރިން މުޒާހަރާތައް ކަވަރު ކުރާއިރު އެ ނޫސްވެރިއާ އަކީ މުޒާހަރާގެ ބައިވެރިއެއް ކަމަށް ވަކި ހިސާބަކުން ފުލުހުންނަށް ފެނިއްޖެނަމަ ފިޔަވަޅު އަޅާގޮތަށް ބިލްގައި ހިމަނާފައި އޮތްއިރު، އެބައި ވެސް ބިލްގައި ހިމަނާފައި އޮތީ އެހާބޮޑަށް ސާފުކޮށް އެނގޭ ކަހަލަގޮތަކަށް ނޫންކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.

މަޖިލީހުން އިއްޔެ ފާސްކުރި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލްގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މީޑިއާ ކައުންސިލްގެ ފަރާތުން ބަންޑާރަ ނާއިބާއި ބައްދަލު ކުރައްވާފައިވާއިރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ވަނީ އެކަމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ސިޓީއެއް ފޮނުވާފަ އެވެ.

އެމްޖޭއޭގެ ސިޓީގައި ބުނެފަައި ވަނީ މަޖިލީހުން އިއްޔެ ފާސްކުރި އެ ބިލްގައި މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނާ ފުށުއެރުންތަކެއް ހުރުމުން, ޤާނޫނީ ގޮތުން އުފެދިފައި އޮތް މީޑިއާ ކައުންސިލްގެ ގާނޫނީ ބާރުތަކަށް ހުރަސްތަކެއް ކުރިމަތިވެދާނެތީ، އެބިލް ތަސްދީގު ކުރެއްވުމުގެ ކުރިން އިތުރަށް ވިސްނައިވަޑައިގެން ދެއްވުމަށް އެ ޖަމްއިއްޔާ އިން އެދޭކަމަށެވެ.