26 Dec 2012, 14:41
ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑު ހިންގަމުންދާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ބޯޑަށް މަޖިލީހުން ހޮއްވަވާފައިވާ މެންބަރު ނަހުލާ އަލީ، ޕީޕީއެމްގެ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލައްވައިފި އެވެ.
ވަކި ފަރާތަނަށް ނުޖެހި، ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ޒިންމާ އުފުލުމަށް ގާނޫނަކުން އުފައްދާފައިވާ އެމްބީސީގެ ބޯޑު މެންބަރު، ނަހުލާ ޕީޕީއެމް ކައުންސިލަށް ކުރިމަތިލައްވައި ކެންޕޭންތައް ވަނީ ފައްޓައިފަ އެވެ. އެގޮތުން އޭނާ ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރާ އެކު ކެމްޕެއިންތައް ރޭ ފައްޓައިފަ އެވެ. ޣިޔާސުއްދީން ސްކޫލްގައި ރޭ ބޭއްވި އުމަރުގެ ކެމްޕެއިންގައި އޭނާ ވަނީ އެ ޕާޓީގެ މެންބަރުންނަށް "ތައާރަފު" ވެވަޑައިގެންފަ އެވެ.
ޕީޕީއެމްގެ 11 މެންބަރުންގެ ކައުންސިލަށް 50 ބޭފުޅުން މިހާތަނަށް ކުރިމަތިލައްވާފައިވާ އިރު، އެ ކައުންސިލަށް ހޮއްވަވާނީ އަންހެން ތިން ބޭފުޅުންނެވެ. ކައުންސިލްގެ އަންހެން ތިން މެންބަރުންގެ ގޮނޑިއަށް ނަހުލާއާ އެކު 11 އަންހެން ބޭފުޅުން ވާދަކުރައްވަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫންއަބްދުލް ގައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވެވި ރާޝިދާ ޔޫސުފު ހިމެނިވަޑައިގަންނަވަ އެވެ. އަދި ޒުވާން ލަވަކިޔުންތެރިޔާ އައިޝަތު މާއިން ރަޝީދު ވެސް ކައުންސިލަށް ވާހަކަދަ ކުރައްވަ އެވެ.
ސިޔާސީ ދާއިރާ އިން މާސްޓާސް ހައްދަވާފައިވާ އަދި ދި ޓީވީގެ ޕްރެޒެންޓަރެއްގެ ގޮތުގައި ކުުރިން މަސައްކަތް ކުރައްވާފައިވާ ނަހުލާ މިދިޔަ އޮކްޓޫބަރު މަހު ޕީޕީއެމްއާ ގުޅިވަޑައިގެން، 100 މީހުންގެ ފޯމް ވަނީ ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫންގެ އަތްޕުޅަށް އަރުވައިފަ އެވެ.
ރާއްޖޭގައި ތިން ވަނަ އަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، ޕީޕީއެމްގެ ކައުންސިލަށް ނަހުލާ ކުރިމަތިލެއްވި އިރު، ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ، އެމްބީސީ ބޯޑު އުފައްދާފައިވާ ގާނޫނުގެ ދެ ވަނަ މާއްދާގެ (ށ)ގައި ބުނަނީ ޕަބްލިކް ބްރޯޑްކާސްޓަރަކީ ސިޔާސީ ނުފުޒާއި އިގްތިސާދީ ނުފޫޒާއި މާލީ ނުފޫޒުން މިނިވަންވެގެންވާ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ޒިންމާ ކަށަވަރުކޮށްދޭން ޖެހޭނެ މުއްސަސާއެއް ކަމަށެވެ.