ބޮޑުތަކުރުފާނުމަގުގައި ހުންނަ ދެ ނަންބަރު ކުނި ކޮށީގައި ހުރި ކުނިތައް ސިޓީ ކައުންސިލަށް ހުސްނުކުރެވި ގިނަވެފައި ވާތީ ސަރުކާރުން އެ ކުނިތައް ހުސްކުރުމުގެ މަސައްކަތް ހަތްލައްކަ ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށް އެ މަސައްކަތް ފެށުމަށް އެމްޓިސީސީ އިން ކުނިކޮއްޓަށް ދިޔަ އިރު އެކޮށީގެ ބޮޑުބައެއް ސިޓީ ކައުންސިލުން ސާފުކޮށްފި އެވެ.

އެމްޓީސީސީގެ ފަރާތުން އެ ޕްރޮޖެކްޓާ ހަވާލުވެ ހުންނެވި ހަސަން ޒުހުރީ މިއަދު ސަން އޮންލައިނަށް ވިދާޅުވީ ދެ ނަންބަރު ކުނިކޮށި ސާފުކުރުމުގެ މަސައްކަތަށް އެމްޓީސީސީ އިން ތައްޔާރުވެފައިވާ ކަމަށާއި ނަމަވެސް މަސައްކަތް ނުފެށި ވަނީ ސިޓީ ކައުންސިލާއި އެންވައިރޮމެންޓް މިނިސްޓްރީ އާ ދޭތެރޭ އަންޑަސްޓޭންޑިންގެ މައްސަލައެއް އުޅޭތީ ކަމަށެވެ.

"ސިޓީ ކައުންސިލުން އެތަނުގައި މަސައްކަތްކުރާ ނަމަ އަޅުގަނޑުމެނަށް ކުނިކޮއްޓަށް ވަދެ އެ ތަނުގައި މަސައްކަތެއް ނުކުރެވޭނެ ދެއްތޯ. މިހާރު ވެސް ސިޓީ ކައުންސިލްގެ ބޭފުފުޅުން މަސައްކަތް އެތަނުގައި ކުރިއަށް އެބަގެންދޭ. މިހާރު އަޅުގަނޑުމެން މިއުޅެނީ މިނިސްޓްރީގައި ދަންނަވައިގެން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް،" ޒުހުރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތްތަކުގެ ސަބަބުން މަސައްކަތް ނުފެށިފައިވީ ނަމަވެސް މަސައްކަތް ފެށޭތާ އެއް ދުވަހުގެ ތެރޭގައި ކުނިގޮނޑު އެއްކޮށް ސާފުކޮށްލެވޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވީ ސިޓީ ކައުންސިލުން އަބަދު ވެސް ކުނިކޮށި ސާފުކުރަމުންދާ ކަމަށާއި މިވަގުތު ދަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއް ނަންބަރު ކުނިކޮށި ސާފު ކުރުން ކަމަށާއި އެހެންކަމުން އެމްޓިސީސީ ކައިރިން އެދެނީ އެއް ނަމްބަރު ކުނިކޮށި ސާފުކޮށްދިނުމަށް ކަމަށެވެ.

ސިޓީ ކައުންސިލްގެ ބަސް އެހެން ހުރި ނަމަވެސް އެންވައިރޮމެންޓް މިނިސްޓްރީ އާއި އެމްޓީސީސީ އާ ދެމެދު މިދިޔަ ހޯމަ ދުވަހު އެގްރިމެންޓް ހަދާފައި ވަނީ މާލޭ ސްޓޭޑިއަމް ސަރަހައްދުން ބޮޑުތަކުރުފާނުމަގުގައި ހުންނަ ދެ ނަންބަރު ކުނި ކޮށީގައި މިހާރު ހުރި ކުނިތައް 10 ދުވަސްތެރޭގައި ހުސްކުރުމަށެވެ.