26 Dec 2012, 13:53
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރުމުން، އެ މެންބަރަކު ހައްޔަރުކޮށްފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތައްތޯ ކަނޑައެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ގޮތައް މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހު ފާސް ނުކުރުމަށް ކޮމެޓީން ނިންމައިފި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އިސްލާހު ހުށަހެޅުއްވާފައި ވަނީ މަޖިލީހުގެ ގަވާއިދުގައި މެންބަރުން ހައްޔަރު ކުރުމާއި ދޫކޮށްލުން ބަޔާންކުރާ 202 މާއްދާއަށެވެ. އެ މާއްދާގެ (ރ)އަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރަކަކު ނުވަތަ ފަނޑިޔާރަކު ނޫނީ މުސްތަގިއްލު މަގާމެއްގައި ހުންނެވި ބޭފުޅެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ހުށަހެޅިފައި ވަނިކޮށް މެންބަރަކު ހައްޔަރު ކުރިޔަސް ކޮމެޓީގަ އާއި މަޖިލީހުގައި ނަގާ ވޯޓުގައި ބައިވެރިނުވެވޭ ގޮތައް ހައްޔަރުކޮށްގެން ނުވާނެ ކަމަށެވެ.
އަދި އެ މާއްދާގެ އިތުރުކޮށްފައިވާ އަކުރުގައި ބުނެފައިވަނީ މެންބަރަކު ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށްތޯ ކަނޑައަޅާނީ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން ކަނޑައަޅާ ރިޕޯޓެއް މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެން ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ މެންބަރަކު ހާޒިރުވާންޖެހޭ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންނަށް އަންގާނީ މަޖިލީހުގެ އިދާރާއިން ކަމަށް އެ އިސްލާހުގައި ބުނެ އެވެ.
އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ނިންމައި އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމީ އެ އިސްލާހު ދިރާސާ ކުރި އާންމު ކޮމެޓީއަށް އިއްޔެ ހާޒިރުވި އަށް މެންބަރުގެ އިއްތިފާގުންނެވެ. ކޮމެޓީގެ މުގައްރިރަކަށް އިންނެވީ އެ އިސްލާހު ހުށަހެޅުއްވި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ. ގަވާއިދު ބުނާ ގޮތުން ކޮމެޓީގެ މުގައްރިރަކަށް ވޯޓްގައި ބައިވެރިނުވެވެ އެވެ.
އެ އިސްލާހު މަޖިލީހުން ފާސްވާނީ އާންމު ކޮމެޓީން ފޮނުވި ރިޕޯޓް މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި ޖަލްސާގައި ބައިވެރިވާ މެންބަރުގެ އަގުލަބިއްޔަތުން ނިންމާ ގޮތެއްގެ މަތިންނެވެ.
މެންބަރަކު ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމުގެ ބާރު މަޖިލީހަށް ލިބިދޭ އިސްލާހެއް ހުށަހަޅާފައިވާއިރު، ގާނޫނު އަސާސީގެ ގާނޫނު އަސާސީގެ ހަތް ވަނަ މާއްދާގެ ދަށުން އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ލިބިގެންވަނީ ޝަރުއީ ކޯޓްތަކަށެވެ. އަދި މީހެއްގެ މައްޗަށް ކުށެއް ސާބިތުވި ކަމާއި ސާބިތު ނުވިކަން ކަނޑައަލީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ދަށުންވެ.